ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހަކު، ކޯޓުގެ ސާވަރަށް ދިމާވި މައްސަލައަކާ ހެދި ޝަރީއަތް ކުރިއަށް ނުގެންދެވޭ ކަމަށް ބުނެ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލުމުން، އެ އަމުރު ހައި ކޯޓުން ބާތިލުކޮށްފިއެވެ. މި މީހާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތެއް ދިން ނަމަވެސް، އެ މުއްދަތު ހަމަވުމުން އިތުރަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އޭރު އަމުރެއް ނުދިނެވެ. އެ ނިންމުން ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން އެންގީ ބަންދާމެދު އަލުން ގޮތެއް ނިންމުމަށެވެ.
އެއާއެކު ދައުލަތުން އަލުން އެ މީހާ ބަންދުކޮށްދިނުމަށް އެދި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، ތުހުމަތުކުރެވޭ ފަރާތުން ވަނީ ކޯޓަށް ސިޓީއެއް ހުށަހަޅާފައެވެ. އެ ސިޓީގައި ބަޔާންކޮށްފައިވަނީ ކޯޓުގެ ސާވަރަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ޝަރީއަތް ނުހިންގި ދިގުލައިގެންދާތީ، އެކަން ހައްލުވަންދެން ބަންދަށް ލުޔެއް ދިނުމަށެވެ. މިކަމާ ގުޅިގެން މެޖިސްޓްރޭޓް ކޯޓުން ނިންމީ، ވަސީލަތް ނެތުމުގެ ސަބަބުން ޝަރީއަތް ހުއްޓިފައި އޮންނަތާ ދެ މަސް ވެފައިވާތީއާއި، އެކަމަށް އަވަސް ހައްލެއް ލިބޭނެކަމުގެ އުންމީދެއް ނެތުމުން، މީހެއްގެ ހައްގެއް ހިފަހައްޓާފައި ބޭއްވޭނެ ތަނެއް ނެތް ކަމަށެވެ. އެހެންކަމުން ކޯޓުން ނިންމީ އޭނާއަށް ލުއި ދިނުމަށެވެ.
ނަމަވެސް ދައުލަތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައި ކޯޓުން ވަނީ ދަށު ކޯޓުގެ އެ ނިންމުން ގޯސް ކަމަށް ކަނޑައަޅާފައެވެ. ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު އަމަލުކުރާ ޚާއްޞަ ޤާނޫނުގެ ދަށުން ތުހުމަތުކުރެވޭ މީހުންނަކީ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ނުވަތަ ހެއްކަށް ނުފޫޒު ފޯރުވަފާނެ ބައެއް ކަމަށް ބެލެވޭތީ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ ބާރު ޤާނޫނުން ލިބިދެއެވެ. އަދި ބަންދު އަމުރެއް މުރާޖައާ ކުރެވޭނީ، އެމީހަކު ބަންދުކުރަން ނިންމި އަސާސީ ސަބަބުތަކަށް ނުވަތަ ހާލަތަށް ބަދަލެއް އައިސްފައިވާނަމަ ކަމަށް ހައި ކޯޓުން ބުނެފައިވެއެވެ.
ހައި ކޯޓުގެ ނިންމުމުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ޝަރީއަތް ލަސްވުމަކީ ނުވަތަ އިދާރީ ގޮތުން ދިމާވާ ދަތިތަކަކީ، މިފަދަ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ބަންދުން ދޫކޮށްލުމަށް ދެއްކިދާނެ ޤާނޫނީ ހުއްޖަތެއް ނޫން ކަމަށެވެ. ޚާއްޞަކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި އަމަލުކުރާ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޝަރީއަތް ނުނިމި ގިނަ ދުވަސްވުމަކީ އެކަނި އެ ސަބަބަށްޓަކައި މީހަކު މިނިވަން ކުރެވޭނެ ސަބަބެއް ނޫންކަން ހުކުމުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ