މާލެ ސިޓީއަށް މިވަގުތު އެންމެ ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ތަރައްޤީގެ ސްޕީޑާ އެއްހަމައެއްގައި މަސައްކަތް ކުރެއްވޭނެ ޤާބިލު މޭޔަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، މޫސާ އަލީ ޖަލީލުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި ރައްޔިތުން މިއަދު އިޚްތިޔާރު ކުރަންވީ ޤައުމު ދެކެ ލޯބިވާ، އަދި ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިވެދޭނެ ވެރިންނެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި، ތަރައްޤީގެ މަސައްކަތްތަކަށް ހުރަސްއަޅައި ދަތިކުރާނެ ބަޔަކު ރައްޔިތުން ބޭނުން ނުވާކަމަށާއި، ކައުންސިލްތަކުގެ ދައުރަކަށް ވާންވާނީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާވެސް ބޭނުންފުޅުވަނީ އެގޮތަށް މަސައްކަތް ކުރައްވާނެ ބޭފުޅުންކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
މާލެ ސިޓީގެ މިހާރުގެ ހާލަތަށް އަލިއަޅުވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، މާލެއަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރާ ތަން ކަމަށްވާއިރު، މި ސިޓީގައި ހައްލުކުރަންޖެހޭ ގިނަ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ތޮއްޖެހުމާއި ކާރުބާރު ބޮޑުވުމުގެ މައްސަލަތަކާއި، އަމާންކަމާއި ސުލްހަ މަސަލަސްކަން ޤާއިމުކުރުން ހިމެނެއެވެ. މާލެއަކީ ހިނގާބިނގާވެ އުޅުމަށާއި ދުއްވުމަށް ފަސޭހަ، ވަކި ހަމަތަކާއި އުސޫލުތަކެއް ހިފެހެއްޓިފައިވާ އަމާން ތަނަކަށް ހަދަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ މޫސާ އަލީ ޖަލީލާއި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް މާލޭގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އެގޮތުން މޫސާ އަލީ ޖަލީލު ނުކުމެވަޑައިގެން ހުންނެވީ ރައީސް މުއިއްޒުގެ ތަޞައްވުރު ތަންފީޒުކޮށްދެވޭނެ ވަރުގަދަ ޓީމަކާ އެކުގައި ކަމަށްވާތީ، މާލޭގެ ތަރައްޤީއަށްޓަކައި ސަރުކާރު ކެންޑިޑޭޓުން ހޮއްވަވައިދެއްވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ކޮމެންޓު ފޮނުވާ