މިއަހަރުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ލައްކައަކާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި

މިއަހަރުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ލައްކައަކާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި

Author
އަހުމަދު
16 ޖެނުއަރީ 2026 05:27
0

އައު އަހަރާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބި، އަހަރުގެ ފުރަތަމަ 14 ދުވަހުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް ލައްކައާ ގާތްކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ހިނގަމުންމިދާ ޖަނަވަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 99،350 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 90،659 ފަތުރުވެރިން ކަމަށްވާއިރު، މިއަހަރުގެ މިހާތަނަށް ލިބިފައިވާ އަދަދަކީ 9.6 އިންސައްތައިގެ އިތުރުވުމެކެވެ. މި އަދަދުތަކުން ދައްކުވައިދެނީ ރާއްޖޭގެ ފަތުރުވެރިކަން މިއަހަރު ފެށިފައިވަނީ ވަރަށް އުއްމީދީ ގޮތަކަށް ކަމެވެ.

ވަކިވަކި މާކެޓްތަކަށް ބަލާއިރު، އަހަރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެ ޤައުމުން 16،868 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ދެވަނައަށް އެންމެ މަގުބޫލު މާކެޓެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އިޓަލީއެވެ. އެ ޤައުމުން ވަނީ 11،987 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ފެސިލިޓީތައް މިހާރުވެސް ދަނީ ހިންގަމުންނެވެ. އެގޮތުން 179 ރިސޯޓާއި، 976 ގެސްޓްހައުސްގެ އިތުރުން 173 ސަފާރީ އުޅަނދާއި 16 ހޮޓާ ހިމެނޭހެން، މި ހުރިހާ ތަނެއްގައި ޖުމްލަ 67،787 އެނދު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އޮޕަރޭޝަނަށް ގެނެވިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.