ކައުންސިލް އިންތިހާބު ހޮނިހިރު ދުވަހު ހުޅުވާލަނީ: 1356 ގޮނޑިއަށް މެންބަރުން ހޮވާނެ

ކައުންސިލް އިންތިހާބު ހޮނިހިރު ދުވަހު ހުޅުވާލަނީ: 1356 ގޮނޑިއަށް މެންބަރުން ހޮވާނެ

Author
ހުސެއިން
15 ޖެނުއަރީ 2026 07:39
0

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު، އަންނަ ހޮނިހިރު ދުވަހު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު އެވެ.

ޒާހިދު ވިދާޅުވި ގޮތުގައި އިންތިހާބުގައި ވާދަކުރައްވަން ބޭނުންވާ ފަރާތްތަކަށް، އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. މިފަހަރުގެ އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކަށް މެންބަރުން ހޮވުމަށް ހަމަޖެހިފައިވާއިރު، މުޅި އިންތިހާބުގައި 1،356 މެންބަރުން އިންތިހާބު ކުރެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލްތަކަށް އިންތިހާބުކުރާ 678 މެންބަރުންނާއި، ޑަބްލިޔުޑީސީތަކަށް އިންތިހާބުކުރާ 678 މެންބަރުންނެވެ.

އިންތިހާބުގެ ވޯޓާސް ލިސްޓު މިހާރު ވަނީ އާންމުކޮށްފައެވެ. މި މަހުގެ 8 ވަނަ ދުވަހު އާންމުކުރި ލިސްޓުގައިވާ ގޮތުން، މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 294,937 މީހަކަށް ލިބިގެންވެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މީގެ ތެރޭގައި ހިމެނެނީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.

ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންތިހާބު އޮންނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ގުދުރަތީ ކާރިސާއެއް ފަދަ ކަމެއް މެދުވެރިވެގެން ނޫން ގޮތަކަށް ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށް އީސީގެ ރައީސް ވަނީ ވިދާޅުވެފައެވެ. މި އިންތިހާބުގައި މުޅި ރާއްޖެއާއި ރާއްޖެއިން ބޭރު ހިމެނޭހެން ގިނަ އަދަދެއްގެ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަތޮޅުތަކުގެ ރަށްރަށުގައި 321 ފޮށި ބަހައްޓާއިރު، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށާއި ސިޓީތަކުގެ (ކުޅުދުއްފުށި، ފުވައްމުލައް، ތިނަދޫ އަދި އައްޑޫ ސިޓީ) ރައްޔިތުންނަށް ހާއްސަކޮށްގެން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) 240 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރިސޯޓުތަކުގައި 50 ފޮށި، ޖަލުތަކުގައި 5 ފޮށި އަދި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި 3 ފޮށި ބަހައްޓާނެއެވެ. ރާއްޖެއިން ބޭރުގައި ފޮށި ބަހައްޓަނީ ސްރީލަންކާގެ ކޮލަމްބޯ އާއި މެލޭޝިއާގެ ކުއަލަލަމްޕޫރުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.