މި ހިނގާ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ކްރޫޒް ޝިޕް ކަމަށްވާ "އެމްއެސް ކްރިސްޓަލް ސިމްފަނީ" ރާއްޖޭގައި ބަނދަރުކޮށްފިއެވެ. ދުނިޔޭގެ މަޝްހޫރު މަންޒިލްތަކަށް ދަތުރުކުރާ މަތީ ފަންތީގެ މި އުޅަނދު ރާއްޖެ އައިސްފައިވަނީ ފާއިތުވި ހޯމަ ދުވަހުއެވެ.
އިންޑިއާގެ މުމްބާއީން ފުރައިގެން ސީޝެލްސްއަށް ދަތުރުކުރަމުންދާ މި ކްރޫޒް ލައިނާ ރާއްޖެ އައިއިރު، އޭގައި 479 ފަތުރުވެރިންނާއި 491 ފަޅުވެރިން ދަތުރުކުރަމުން ދިޔައެވެ. މި އުޅަނދުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް ބޭނުންވާ ވިސާގެ ޚިދުމަތްތައް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އަވަސް އަދި ފަސޭހަ އިންތިޒާމުތަކަކާއެކު ހަމަޖައްސައިދީފައެވެ.
އެމްއެސް ކްރިސްޓަލް ސިމްފަނީއަކީ ރާއްޖެއަށް އާ އުޅަނދެއް ނޫނެވެ. މިގޮތުން ނިމިދިޔަ އަހަރުވެސް މި އުޅަނދު ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖެއަށް ދަތުރުކޮށްފައެވެ. ކްރޫޒް ޓޫރިޒަމްގެ ދާއިރާއިން ރާއްޖެއަށް ލިބެމުންދާ ތަރުހީބު އިތުރުވަމުންދާއިރު، އަހަރުގެ ކުރީކޮޅު މިފަދަ ބޮޑު އުޅަނދެއް ރާއްޖެ އައުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު އުފާވެރި ޚަބަރެކެވެ.
ކޮމެންޓު ފޮނުވާ