ދިހަ އަހަރަށްފަހު، ޒަމާނީ ވަސީލަތްތަކާއެކު ގަލޮޅު ސިޓީ ޕާކު އަލުން ހުޅުވައިފި

ދިހަ އަހަރަށްފަހު، ޒަމާނީ ވަސީލަތްތަކާއެކު ގަލޮޅު ސިޓީ ޕާކު އަލުން ހުޅުވައިފި

Author
ޙަސަން މުޙައްމަދު
13 ޖެނުއަރީ 2026 08:59
0

ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު، ކުޅިވަރާއި ކަސްރަތުގެ ވަސީލަތްތައް ހިމެނޭހެން އަލުން ތަރައްގީކޮށް ގަލޮޅު ސިޓީ ޕާކު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ މާލޭގެ ރައްޔިތުންނަށް ހިތްހަމަޖައްސާލުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ހުޅުވާލި މުހިންމު މައިޒާނެކެވެ.

މުޅިން އާ ޑިޒައިަނަކަށް ތަރައްގީކޮށްފައިވާ މި ޕާކުގައި ޒުވާނުންނާއި ކުޑަކުދިންގެ އިތުރުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބޭނުންކުރެވޭނެ ގިނަ ވަސީލަތްތަކެއް ވަނީ ގާއިމުކޮށްފައެވެ. އޭގެ ތެރޭގައި ބެޑްމިންޓަން ކޯޓަކާއި، ތްރީ-އޮން-ތްރީ ބާސްކެޓް ބޯޅަ ކޯޓެއްގެ އިތުރުން ކަސްރަތު ކުރާނެ ޒަމާނީ ވަސީލަތްތައް ހިމެނެއެވެ. ހަމައެއާއެކު، ކުޑަކުދިން ކުޅޭނެ ޚާއްސަ ސަރަހައްދަކާއި، އާންމުންނަށް އިށީނދެ ހިތްހަމަޖައްސާލުމަށް މަޑުކޮށްލެވޭނެ ޖާގަ އަދި އެކި ކަހަލަ އިޖުތިމާއީ ހަރަކާތްތައް ހިންގޭނެ ފަދަ އިންތިޒާމުތައް ވެސް މިތަނުގައި ވަނީ ހަމަޖައްސާފައެވެ.

މި ޕާކު ހުޅުވުމުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ފާއިތުވި 10 ވަރަކަށް އަހަރު މިތަން އޮތީ ޓިނު ޖަހައި ބަންދުކޮށްފައި ކަމަށެވެ. އެހެންކަމުން، އެތަން އަލުން ޑިޒައިންކޮށް، ރައްޔިތުންނަށް ބޭނުންހިފޭނެ ފުރިހަމަ ތަނެއްގެ ގޮތުގައި 2024 ވަނަ އަހަރުގެ ތެރޭގައި ހުޅުވިގެން ދިއުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއްކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރު އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ މޭޔަރުކަމުގެ ދައުރުގައި އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ މާލޭގައި ޖާގަ ލިބެން ހުރި ތަންތަން ހޯދައި، އެ ތަންތަނަކީ ރައްޔިތުންނަށް ހިތްފަސޭހަ މައިޒާންތަކަކަށް ހަދައިދިނުން ކަމަށެވެ. އަދި ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ މިފަދަ ތަންތަން ރީތިކޮށް ބެހެއްޓުމަށާއި، ޕާކުގެ ބޭނުންކުރާ އެންމެހާ ފަރާތްތަކުން އެތަނަށް ގެއްލުން ނުވާނެހެން ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް މޭޔަރު އާޒިމް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.