ތިބީ ރައްޔިތުންނާ އެކު ކަމަށް ނަޝީދު ވިދާޅުވީ އީރާނުގެ މުޒާހަރާއިން ރާއްޖޭގެ މާޒީ ހަނދާންވާތީ

ތިބީ ރައްޔިތުންނާ އެކު ކަމަށް ނަޝީދު ވިދާޅުވީ އީރާނުގެ މުޒާހަރާއިން ރާއްޖޭގެ މާޒީ ހަނދާންވާތީ

Author
ހުސައިން
13 ޖެނުއަރީ 2026 02:04
0

އީރާނުގައި މިހާރު ހިނގަމުންދާ ސަރުކާރާ ދެކޮޅު މުޒާހަރާތަކުން ރާއްޖޭގެ ސިޔާސީ މާޒީ ހަނދާންވާ ކަމަށާއި، ހުންނެވީ ހައްގުތަކުގެ ދިފާއުގައި ނިކުމެތިބި އީރާނުގެ ރައްޔިތުންނާ އެކު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އިގްތިސާދީ ދަތިކަމާއި ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުން އީރާނުގެ ރައްޔިތުން ފެށި މުޒާހަރާތަކަށް ހިތްވަރު ދެއްވައި ނަޝީދު ވާހަކަފުޅު ދެއްކެވުމުން، ލަންކާގައި ހުންނަ އީރާނު އެމްބަސީން ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔައި ރައްދު ދީފައެވެ.

އީރާނު އެމްބަސީން ބުނެފައިވަނީ މުޒާހަރާގެ ބައިވެރިން މިސްކިތްތަކާއި ހޮސްޕިޓަލްތަކުގައި ހުޅުޖަހައި، އާންމުންގެ މުދަލަށް ގެއްލުންދީ ޓެރަރިޒަމްގެ އަމަލުތައް ހިންގަމުންދާ ކަމަށާއި، ނަޝީދު ހުންނެވީ އެފަދަ އަމަލުތައް ހިންގާ މީހުންގެ ފަޅީގައިތޯ ސުވާލު އުފައްދާފައެވެ. އަދި މިއީ ބޭރުގެ ނުފޫޒުތަކުން ހިންގާ ލާއިންސާނީ އަމަލުތަކެއް ކަމަށް ވެސް އެމްބަސީން ސިފަކޮށްފައިވެއެވެ.

މި ފާޑުކިޔުންތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އީރާނުގެ ކަންކަމާ އެމެރިކާއިން ބެހުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ނަމަވެސް، މަގުމައްޗަށް ނުކުމެ ތިބި ޒުވާނުންނަށް ތާއީދު ކުރައްވަނީ އެ މަންޒަރުތަކުން ރާއްޖޭގެ އިސްލާހީ މަސައްކަތް ހަނދާންވާތީ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި އިސްލާހަށް މަސައްކަތްކުރި މީހުންނަކީ ނަސޯރާ ދީން ފަތުރަން އުޅޭ ބައެއްގެ ގޮތުގައި އޭރު ސިފަކުރެއްވި ނަމަވެސް، ހަގީގީ ތަދާއި އަނިޔާ ތަހައްމަލުކުރީ މުޒާހަރާގެ ބައިވެރިންކަން އެނގިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން އެމަނިކުފާނު ހުންނެވީ ހައްގު ހޯދަން ނުކުތް ޒުވާނުންނާ އެކު ކަމަށް ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.