ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހުމަދު ޝަމާހު ރަޝީދު އިއްޔެ ވަކިކުރުމާ ގުޅިގެން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ. ޕީސީބީން ޝަމާހު މަގާމުން ވަކިކުރި ވަކި ސަބަބެއް ހާމަކޮށްފައި ނުވި ނަމަވެސް، މި ފިޔަވަޅު އަޅާފައިވަނީ ސޯޝަލް މީޑިއާގައި ލީކުވެފައިވާ އޯޑިއޯއެއްގައި، ކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރިވާ ވާހަކަ ދައްކާ އަޑު އިވޭ މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.
ސަމާހުގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަމުންދާކަން އެސީސީން ވަނީ ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ.
ދައުރުވަމުންދާ އޯޑިއޯގައި ޝަމާހު ކަމަށް ތުހުމަތުކުރެވޭ މީހާ ވަނީ، މިފްކޯގައި އުޅުނުއިރު ލިބުނު ވަރަށްވުރެ ބޮޑަށް ސްޓެލްކޯގެ ތެރެއިން "ޕައިޕްލައިން" މެދުވެރިކޮށް ނާޖާއިޒު ފައިދާ ހޯދާ ކަމަށް ބުނެ، އެކަމާ ފަޚުރުވެރިވެ ވާހަކަ ދައްކާފައެވެ. އަދި އޭނާގެ މި "ކުޅިވަރު" އެނގޭނީ ހަމައެކަނި އެ ކުންފުނީގެ ޕްރޮކިއުމަންޓް އިސްވެރިޔާ އަޒްހަދާއި އެޗްއާރުގެ މުވައްޒަފެއް ކަމަށްވާ ސާއިދަށް ކަމަށް ބުނެފައިވާއިރު، އަޒްހަދު ވެސް މިހާރު ވަނީ މަގާމުން ވަކިކޮށްފައެވެ.
މި އޯޑިއޯގައިވަނީ އޭނާގެ އަޑު ނޫންކަމަށް ޝަމާހު ވިދާޅުވެ އިންކާރު ކުރެއްވި ނަމަވެސް، މީގެ ކުރިން މިފްކޯގެ އެމްޑީގެ މަގާމުގައި ހުންނެވިއިރު ވެސް ކުންފުނި ހިންގުމުގައި ގެންގުޅުއްވި ގޮތާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރެވި، ސަސްޕެންޝަނަށްފަހު އޭނާ ވަނީ އެ މަގާމުން ވެސް ވަކިކޮށްފައެވެ.
ކޮމެންޓު ފޮނުވާ