އެމްޑީކަމަށް އައްޔަންކުރިތާ ފަސް މަސް ނުވަނީސް ޝަމާހު މަގާމުން ވަކިކޮށްފި

އެމްޑީކަމަށް އައްޔަންކުރިތާ ފަސް މަސް ނުވަނީސް ޝަމާހު މަގާމުން ވަކިކޮށްފި

Author
ހުސައިން
11 ޖެނުއަރީ 2026 04:06
0

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަމާހު ރަޝީދު އައްޔަންކުރެއްވިތާ ފަސް މަސް ދުވަސް ނުވަނީސް، އެ މަގާމުން އޭނާ މިއަދު ވަކިކުރައްވައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ މައި އިދާރާ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައެވެ.

ޝަމާހު ސްޓެލްކޯގެ އެންމެ އިސްވެރިޔާގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، އޭރު އެ ކުންފުނީގެ އެމްޑީގެ ގޮތުގައި ހުންނެވި ހުސައިން ފަހުމީ އެ މަގާމުން ވަކިކުރެއްވުމަށްފަހުގައެވެ. ނަމަވެސް، މަގާމާ ހަވާލުވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، ކުއްލި ގޮތަކަށް ޝަމާހު މިއަދު މަގާމުން ދުރުކުރި ވަކި ސަބަބެއް ޕީސީބީން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޝަމާހަކީ މި ސަރުކާރުން މިފްކޯއަށް އައްޔަންކުރި ފުރަތަމަ މެނޭޖިން ޑިރެކްޓަރެވެ. މިފްކޯގެ އެމްޑީގެ މަގާމުގައި ހުންނަވަނިކޮށް ކޯޕަރޭޓް ގަވަނަންސްއާ ގުޅުންހުރި މައްސަލަތަކެއް ފެންމަތިވެ، އެ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި ޕީސީބީން އޭނާ ސަސްޕެންޑް ވެސް ކުރިއެވެ. އަދި އޭގެ ފަހުން، އެ މަގާމުގައި އަހަރެއްހާ ދުވަސް ވެސް ނުވަނީސް، 2024 ވަނަ އަހަރުގެ މެއި މަހު އޭނާ ވަނީ މިފްކޯގެ އެމްޑީކަމުން ވަކިކޮށްފައެވެ. އޭރު އޭނާ މަގާމުން ވަކިކުރީ ސަސްޕެންޝަން އުވާލުމަށްފަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.