ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ ޒުވާނުންގެ ބަންދަށް 30 ދުވަސް އިތުރުކޮށްފި

ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ ޒުވާނުންގެ ބަންދަށް 30 ދުވަސް އިތުރުކޮށްފި

Author
އަހުމަދު
11 ޖެނުއަރީ 2026 01:51
0

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ ޒުވާނުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފިއެވެ. މިދިޔަ ހަފުތާގައި ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު / ފަލަކް، ޢުމުރުން 27 އަހަރުގެ ޝާއިން ޢަލީ އާއި، އއ. ފެރިދޫ / އިޙްރާމް، ޢުމުރުން 20 އަހަރުގެ ޢާއިޝަތު މާޝާ އަޙްމަދެވެ. މި ދެ މީހުން ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެންމެ ފުރަތަމަ ދީފައިވަނީ 5 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމާ ގުޅިގެން އިއްޔެ އަލުން ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންވެސް އިތުރު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ޢަމުރުކޮށްފައެވެ.

ކޯޓު ޢަމުރުގައިވާ ތަފްޞީލުތަކަށް ބަލާއިރު، މި މައްސަލައިގައި ފެނުނު ތިން ކިލޯގެ މަސްތުވާތަކެތި ފެނިފައިވަނީ މާޝާގެ ނަމުގައި ކުއްޔަށް ނަގާފައިވާ އެޕާޓްމަންޓަކުންނެވެ. ފުލުހުން އެތަނަށް ވަންއިރު، އެ ދެމީހުން ތިބި ތަނުން ހާމައަށް މަސްތުވާތަކެތި ފެންނަން ހުރިކަމަށާއި، މަސްތުވާތަކެތީގެ އިތުރުން އެތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޕެކިންގ އާލާތްތައްވެސް އެތަނުން ފެނިފައިވާކަން ކޯޓު ޢަމުރުގައި ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޝާއިން އަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑް އޮތް ފަރާތެއްކަން ކޯޓު ޢަމުރުން ހާމަވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.