އަދާލަތު ޕާޓީގެ ލީޑަރޝިޕަށް އިކްރާމްއާއި މުއްތަލިބު: އަމާޒަކީ ޒަމާނާގުޅޭގޮތަށް ޕާޓީ ރީފޯމް ކުރުން

އަދާލަތު ޕާޓީގެ ލީޑަރޝިޕަށް އިކްރާމްއާއި މުއްތަލިބު: އަމާޒަކީ ޒަމާނާގުޅޭގޮތަށް ޕާޓީ ރީފޯމް ކުރުން

Author
ހުސައިން
11 ޖެނުއަރީ 2026 01:55
0

ޢަދާލަތު ޕާޓީ ހަތަރުވަނަ ދައުރުގެ ރައީސްގެ މަޤާމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އިކްރާމް ޢަބްދުއްސައްތާރު އެމަޤާމަށް ކުރިމަތިލީ ޕާޓީއަށް ބޮޑު ރިފޯމެއް ގެންނަން ޖެހިފައިވާތީކަމަށް ވިދާޅުވެއްޖެއެވެ.

2005 ވަނަ އަހަރު ޢަދާލަތު ޕާޓީ އުފެއްދުމުގައިވެސް އިސްކޮށް ޙަރަކާތްތެރިވި މެންބަރެއްގެ ޙައިސިއްޔަތުން، ޢަދާލަތު ޕާޓީއަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް އޭނާ ޤަބޫލުކުރެއެވެ. އެގޮތުން ކުރިން ދިވެހިރައްޔިތުންގެ ތެރެއިން ގިނަބައެއްގެ ބޮޑު ތާއީދެއްއޮތް ޢަދާލަތު ޕާޓީއަކީ މިހާރު ޢާއްމުންގެ އިތުބާރު އަލުން ހޯދަން ޖެހިފައިވާ ޕާޓީއެއްކަމަށް އޭނާ ޤަބޫކުރެއެވެ. އެހެންކަމުން އިކްރާމްގެ އެންމެ ބޮޑު އަމާޒަކީ އެކަން ބަދަލުކޮށް، ކުރިން ޕާޓީއަށް ލިބިފައިވާ ޤަދަރާއި ރީތިނަން އަނބުރާ އިޢާދަކޮށް، ޕާޓީއަށް މެންބަރުން އިތުރުކޮށް ރައްޔިތުންގެ ތެރޭގައި މަޤުބޫލު ޕާޓީއަކަށް ޢަދާލަތު ޕާޓީ ހެދުންކަމުގައި އޭނާ ވިދާޅުވެފައިވެއެވެ.

އިކްރާމް ޢަބްދުއްސައްތާރަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ޑިގްރީއާއި މާސްޓާސް އަދި ޕީ.އެޗް.ޑީ ފުރިހަމަ ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސީނިއަރ ލެކްޗަރާރއަކަށް މަސައްކަތް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. އައި.ޔޫ.އެމްގައި ޤާނޫނާއި ރިސާރޗްގެ މާއްދާތައް ކިޔަވައިދެއްވުމުގެ އިތުރުން، ޤާނޫނީ ވަކީލުކަންވެސް ކުރައްވަމުންގެންދަވާ އިކްރާމަކީ 2005 ވަނަ އަހަރުން ފެށިގެން ޢަދާލަތު ޕާޓީ ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވަމުން އައިސްފައިވާ ފަރާތެކެވެ.

2017 ވަނަ އަހަރުން ފެށިގެން ޕާޓީގެ މިސްރާބު ކަސިޔާރުވެ، ޢަދާލަތު ޕާޓީ އުފެއްދި އަސްލު މަޤްޞަދާއި ޚިލާފަށް ޕާޓީހިންގަމުންގެންދާ ކަމަށް ޤަބޫލުރެވޭތީ، ޕާޓީގެ ޙަރަކާތްތަކާއި ދުރުގައި ހުންނަވާތާ ހައެއްކަ އަހަރު ވެދާނޭކަމަށް އޭނާ ބުނެއެވެ. އިކްރާމްގެ ރަނިންމޭޓަކަށް ޚިޔާރުކުރައްވާފައިވަނީ މުއްތަލިބު އެވެ. އޭނާއަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން މެރިން ރިސޯސަސް ދާއިރާއިން ޑިގްރީ ޙާސިލްކުރައްވައި، މިދާއިރާއިން ދިގުމުއްދަތަކަށް ސަރުކާރަށް ޚިދުމަތްކުރައްވައި، ދިވެހިރާއްޖޭގައި މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.