ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހައިކޯޓުން ފަނޑިޔާރު ޙުޒައިފާ ހަމަޖައްސަވައިފި

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހައިކޯޓުން ފަނޑިޔާރު ޙުޒައިފާ ހަމަޖައްސަވައިފި

Author
އާދަމް ނުހާދް
09 ޖެނުއަރީ 2026 10:17
0

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ޤާނޫނުގެ ދަށުން އެކުލަވާލާ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް، 2026 ވަނަ އަހަރު ހައިކޯޓުން ތަމްސީލުކުރައްވާނެ ފަނޑިޔާރަކަށް އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު ހަމަޖައްސަވައިފިއެވެ. މިކަން ހައިކޯޓުން ހާމަކުރައްވާފައިވާއިރު، މިއީ ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތަކުގެ އިސްތިއުނާފީ ކަންކަން ބެލުމަށް ކޮންމެ ޖުޑީޝަލް އަހަރަކަށް އެކުލަވާލަންޖެހޭ މުހިންމު މަޖިލީހެކެވެ.

ޖޭއެސްސީގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރަކުވެސް މި މަޖިލިސް އެކުލަވާލުމަށްފަހު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އެކަން ޢިއުލާން ކުރައްވަން ޖެހެއެވެ. ޤާނޫނީ އޮނިގަނޑު ހަމަޖެހިފައިވާ ގޮތުން މި އިސްތިއުނާފު މަޖިލީހުގައި ތިއްބަވަން ޖެހޭނީ ތިން ފަނޑިޔާރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައިކޯޓުގެ ފަނޑިޔާރަކާއި އަދި ސުޕީރިއަރ ކޯޓެއްގެ ފަނޑިޔާރެކެވެ. ނަމަވެސް، މި މަޖިލީހަށް ޢައްޔަންކުރެވޭ ފަނޑިޔާރުންނަކީ ޖޭއެސްސީގެ މެންބަރުކަމުގައި ތިއްބެވި ބޭފުޅުންނަށް ވެގެން ނުވާނެކަމަށް ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

މިއަހަރު ހައިކޯޓުން މި މަޖިލީހަށް ކަނޑައެޅުއްވި ފަނޑިޔާރު ޙުޒައިފާއަކީ ތަޢުލީމީ އަދި ތަޖުރިބާގެ ގޮތުން ޤާާބިލު ބޭފުޅެކެވެ. އެކަމަނާ ވަނީ 2005 ވަނަ އަހަރު މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރސް އޮފް ލޯ ޙާސިލްކުރައްވައި، ޖެހިގެން އައި 2006 ވަނަ އަހަރު މާސްޓަރސް އޮފް ކޮމްޕަރެޓިވް ލޯ ވެސް ފުރިހަމަ ކުރައްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ފަނޑިޔާރު ޙުޒައިފާއަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ފަނޑިޔާރުކަމަށް އެންމެ ފުރަތަމަ ޢައްޔަންކުރެވުނު އަންހެން ދެ ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.