ސްރީލަންކާގައި ދިވެހިންނަށް ވިސާގެ ދަތިކަން ކުރިމަތިވެ، އިމިގްރޭޝަންގެ މުއާމަލާތްތަކާ ގުޅޭ ޝަކުވާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ބޯޑަރު ކޮންޓްރޯލް އުވާލުމަކީ ދެ ގައުމަށް ވެސް އެންމެ ފައިދާހުރި ގޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިކަމަށް ގޮވާލެއްވީ، ލަންކާ އިމިގްރޭޝަނުން ދިވެހިންނާމެދު އިހާނެތިކޮށް ހިތައި، ހަޑިހުތުރު ބަހުން މުއާމަލާތްކުރާ ކަމުގެ ކަންބޮޑުވުން ލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު، އެ ގައުމުގެ މީޑިއާއަކަށް ހާމަކުރައްވާފައި ވަނިކޮށެވެ. ސަފީރު ފާހަގަކުރެއްވި ގޮތުގައި ޚިދުމަތް ހޯދުމަށް ދިވެހިން ގިނަ ވަގުތު ކިއުގައި ތިބެންޖެހުމާއި ތަފާތުކުރުންތައް ގެންގުޅުމުގެ ޝަކުވާ ވަނީ އިންތިހާއަށް އިތުރުވެފައެވެ.
މިކަމާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ވިސާއާއި ވޯކް ޕާމިޓް ފަދަ ހުރަސްތައް ނައްތާލައި ބޯޑަރު ހުޅުވާލުމުން، ވިޔަފާރިއާއި ފަތުރުވެރިކަމުގެ އިތުރުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. މިއީ މިހާރު އުފެދިފައިވާ ނުތަނަވަސްކަމަށް އޮތް ދާއިމީ ހައްލެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ