ފީފާގެ ޚަރަދުގައި މާފަންނު ސްޓޭޑިއަމްގައި ހަދާފައިވާ އެރީނާ ޕްރޮޖެކްޓްގެ އިމާރާތްތަކުގައި ގުދަންބަރި ހަދަން އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދިން އެއްބަސްވުންތަކަށް އަމަލުނުކުރަން ފުޓްބޯޅަ އެސޯސިއޭޝަނުން މިއަދު ނިންމައިފި އެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި ސްޕޯޓްސް މިނިސްޓްރީން 50 އަހަރަށް އެފްއޭއެމަށް ދޫކުރި އެ ބިމުގައި، އެކްސްކޯގެ ނިންމުމަކާ ނުލައި، ފީފާ އާއި މިނިސްޓްރީގެ މަޝްވަރާ ވެސް ނުހޯދައި ގުދަންތަކެއް ހަދައި ވަނީ ކުއްޔަށް ދީފަ އެވެ. ފީފާއިން ޚަރަދުކޮށްގެން ފުޓްބޯޅައިގެ މަޝްރޫއުތަކަށް ބޭނުންކުރުމަށް ހަދަން ފެށި އެ އިމާރާތުގައި ކުރެހުމަށް ބަދަލު ގެނެސް ގުދަންބަރިތައް ހަދަން ފީފާގެ ހުއްދަ ވެސް ހޯދާފައެއް ނުވެ އެވެ.
މި މައްސަލަ ސެޕްޓެމްބަރު މަހު ޑިސިޕްލިނަރީ އަދި އެތިކްސް ކޮމިޓީއަށް ފޮނުވުމަށް ފަހު، އެކްސްކޯގެ މިއަދުގެ ނުވަވަނަ ބައްދަލުވުމުގައި 2016 ވަނަ އަހަރުން ފެށިގެން 50 އަހަރަށް ހެދި އެ އެއްބަސްވުންތަކަށް އަމަލުކުރުން ހުއްޓާލަން ނިންމާފަ އެވެ. ނަމަވެސް ތަން ކުއްޔަށް ނަގާފައިވާ ފަރާތްތަކުން ހުސްކުރަން އެނގިކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް ދަނީ ޚިޔާނާތުގެ މައްސަލަތައް ސާބިތުވެ ޖަލުހުކުމް ތަންފީޒު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ