އައްޑޫ ސިޓީ ހިތަދޫގެ މަސްތުވާތަކެތީގެ ވިޔަފާރީގައި އެންމެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ "މައިލޯ" ގްރޫޕުގެ ކުރީ ސަފުން ފެންނަ އަލީ ނަދީމް (ނަދަމާ)ގެ ބަންދު އިތުރުކުރުން ރަނގަޅު ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ނަދަމާގެ ބަންދު މުއްދަތު އިތުރުކުރުމާ ދެކޮޅަށް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އޭނާ ތުހުމަތު ކުރީ ބަންދުގެ މުއްދަތު ޖެހިއިރު ޝަރީއަތް ސިއްރުކުރި މައްސަލައެއް ހުރި ކަމަށެވެ. ނަމަވެސް އެކަން ކަށަވަރުނުވާ ކަމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމި ނިންމުމުގައި ބުނެފައިވެއެވެ.
ފުލުހުން ހާމަކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި މި "ނެޓްވޯކް"ގެ ތަހުގީގު ފެށީ މިދިޔަ މާރިޗު މަހުންނެވެ. 2017 ވަނަ އަހަރުން ފެށިގެން މި ގްރޫޕުގެ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ތަހުގީގުން ހާމަވެފައިވެއެވެ. އަދި ހިތަދޫގެ މި ޑްރަގް ނެޓްވޯކްގެ ހަތަރު މީހެއްގެ އެކައުންޓުން މިދިޔަ ފަސް އަހަރު ތެރޭގައި 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާކަން ފާހަގަވެއެވެ.
ނަދަމާ އާއިއެކު މިހާރު ބަންދުގައި ހުންނަނީ ހާފިޒު ފައުޒީ، އިބްރާހިމް ސިރާޖު، ހަސަން އަލްފާފް އަދި އަމީން މުޙައްމަދެވެ. މި ފަސް މީހުންގެ ވެސް ބަންދު މުއްދަތު 30 ދުވަހަށް އިތުރުކޮށްފައިވެއެވެ. މި ސަރުކާރު ވެރިކަމަށް ގެނައުމުގެ ކެމްޕެއިންގައި އައްޑޫގައި ކުރީ ސަފުން އުޅުނު ނަދީމް، ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކަށް ވެސް ހަމަޖައްސާފައިވެއެވެ.
ކޮމެންޓު ފޮނުވާ