އއ.ތޮއްޑޫ ކައުންސިލުން 2023 ވަނަ އަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް އުސޫލުތަކާ ހިލާފަށް 719،742 ރުފިޔާ ހޭދަކުރި މައްސަލަ އޮޑިޓް ރިޕޯޓެއްގައި ފާހަގަވެއްޖެއެވެ.
އޮޑިޓް އޮފީހުން ނެރުނު ތޮއްޑޫ ކައުންސިލްގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން، މިއުޒިކް ޝޯއަކާއެކު އީދުގެ ހަރަކާތްތައް ހިންގުމަށް ކުންފުންޏަކާ އެއްބަސްވުން ހަދާފައިވަނީ 270،000 ރުފިޔާގެ އަގަކަށެވެ. ނަމަވެސް އެފަރާތުން މަސައްކަތް ފެންވަރުދަށްކޮށް ކުރިއަށްގެންދިޔައިރު، އެއްބަސްވުމުގައި ހިމެނޭ އަގުގެ 25 އިންސައްތަ އުނިކޮށް 202،500 ރުފިޔާ ދިނުމަށްފަހު، ކައުންސިލުން އިތުރު 210،000 ރުފިޔާ އެފަރާތަށް ޖަމާކޮށްފައިވެއެވެ. އީދު ފާހަގަކުރުމަށް އެހީއަށް އެދި އެކި ފަރާތްތަކަށް ސިޓީ ފޮނުވައިގެން ލިބުނު މިފައިސާ ދިނުމަށް އެއްބަސްވުމުގައި ހިމެނިފައި ނުވާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
އީދު ފާހަގަކުރުމަށް ކައުންސިލް ބަޖެޓުން ހަރަދުކުރި 509،742 ރުފިޔާ އަކީ އެއަހަރުގެ މުސާރަ ފިޔަވައި ބްލޮކް ގްރާންޓާއި ކައުންސިލްގެ އާމްދަނީން ކޮށްފައިވާ ޚަރަދުގެ 8.4 އިންސައްތަކަމަށް ރިޕޯޓްގައި ވެއެވެ. އޮޑިޓަރ ޖެނެރަލް ދެއްވި ލަފާގައި ވަނީ އެއްބަސްވުމާ ހިލާފަށް ދިން 210،000 ރުފިޔާ އަނބުރާ ހޯދައި ކައުންސިލްގެ އާމްދަނީއަށް ޖަމާކުރުމަށް އެދިފައެވެ.
ކޮމެންޓު ފޮނުވާ