އިންޑިއާގެ ލޯނުން ތަރައްގީކޮށް މިހާރު ޚިދުމަތްދެމުން އަންނަ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް އެ ގައުމުގެ ކުންފުންޏަކަށް ހަވާލުކުރަން ދިވެހި ސަރުކާރުން އިންޑިއާއިން އެދިވަޑައިގެންފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ވާހަކަ ސަރުކާރުން މިއަދު ދޮގުކޮށްފިއެވެ.
އިންޑިއާގެ މަޝްހޫރު ނޫހެއް ކަމަށްވާ "ދަ ހިންދޫ" އިން ރިޕޯޓްކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހު ހަނިމާދޫ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި، އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ އަރިހުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު މިކަމަށް އެދިވަޑައިގަތް ކަމަށެވެ. މިކަމާ ހަވާލުވާނެ ގޮތެއް ނިންމުމަށް އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީން ދިރާސާކުރަމުންދާ ކަމަށް ވެސް އޮފިޝަލަކާ ހަވާލާދީ އެ ނޫހުން ބުނެފައިވެއެވެ.
ނަމަވެސް ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެއީ ދޮގު މައުލޫމާތެއް ކަމަށާއި ހަނިމާދޫ އަދި ރާއްޖޭގެ އެހެން އެއްވެސް އެއާޕޯޓެއް ވެސް ހިންގުމަށް އެހެން ގައުމެއްގެ ކުންފުންޏަކާ ހަވާލު ނުކުރާނެ ކަމަށެވެ. ހަނިމާދޫ އެއާޕޯޓް ހިންގާނީ ސަރުކާރުން ކަމަށާއި އެ އެއާޕޯޓް ރަނގަޅަށް ހިންގަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ތަރައްގީކުރި މި ޒަމާނީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕު ރާމް މޯހަން ނައިޑޫ ބައިވެރިވެވަޑައިގެންނެވިއެވެ. މި އެއާޕޯޓަކީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ގޮތަށް 2،465 މީޓަރު ދިގު ރަންވޭއާއެކު ތަރައްގީކުރި ޒަމާނީ އެއާޕޯޓެކެވެ.
ކޮމެންޓު ފޮނުވާ