ހާސްކަމާއި ގޮންޖެހުންތަކާއި ނުތަނަވަސްކަމުން ފުރިގެންވާ، އަދި ސިޔާސީ ބޮޑު ބަދަލުތަކެއް ގައުމު ދުށް އަހަރެއް ފާއިތުވެގެން ދިއުމަށްފަހު، މުޅި ދުނިޔެ މިއަދު މިވަނީ، އުއްމީދީ އާއަހަރަކަށް އަނެއްކާވެސް މަރުހަބާ ކިޔާފައެވެ.
އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ރެއާއި މިއަދު 2026 ވަނަ އަހަރަށް، ބަޑިބޭހާއި މުއިޒިކާއި އަދި އެނޫންވެސް ތަފާތު އެތައް ހަރަކާތަކާއެކު މަރުހަބާ ކިޔާފައިވާއިރު، ރާއްޖޭގައިވެސް ރިސޯޓުތަކުގައާއި އަދި ހުޅުމާލޭގައި ވަނީ ތަފާތު އެކި ޙަރަކާތްތަކާއެކު އާއަހަރަށް މަރުހަބާ ކިޔާފައެވެ.
އާއަހަރަށް މަރުހަބާ ކިޔުމަށް ސަރުކާރުން އިންތިޒާކުރި ލޭޒަރ ޝޯވްއާއި ބަޑިބޭހުގެ ކުޅިވަރު ރޭވަނީ ހުޅުމާލާގައި ބައްވާފައެވެ.
އިގްތިސަދީ ގޮތުންނާއި އަދި ހަގުރާމާއިގެ ބިރުވެރިކަމުން އެތައް އުދާސްތަކެއް ގެނުވި 2025 ވަނަ އަހަރަށް ދުނިޔެ އަލްވަދާއި ކިޔުމަށްފަހު، އާއަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ގިނަބަޔަކު އާއަހަރުގެ ތަހުނިޔާ ބަދަލުކޮށް، ފެށިގެންދިޔަ 2026 ވަނަ އަހަރަކީ އުއްމީދީ އަހަރެއްގެ ގޮތުގައި ސިފަކޮށް، އާއަހަރަށް ދެކޭ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސުމަށް ގިނަ ބަޔަކު ކަމަރު ބަނދެފައިވާއިރު، ކުރިޔަށް އޮތް އަހަރުވެސް ވެގެންދާނީ އިގްތިސާދީ ގޮތުންނާއި އަދި ދޭދޭ ގައުމުތަކުގެ މެދުގައި ހުރި ބޮޑެތި މައްސަލަތަކުން ދުނިޔޭގެ ސަލާމަތަށް އެތައް ނުރައްކަލެއް ކުރިމަތި ކުރުވާނެ އަހަރެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

މިގޮތުން، ޢައްޒާއަށް އިސްރާއީލުން ހިންގަމުންދިޔަ ގަތުލުއާންމަށް ނިމުން ގެނެވި، ފަލަސްތީނުގެ ރައްޔިތުންނަށް އާ އުއްމީދެއް ލިބިގެން ދިޔައިރު، އާ އަހަރު ފެށިގެންދިޔައީ، އިޒްރާއީލުގެ އަނިޔާވެރިކަން ހުއްޓުމަކަށް އަންނާކަމަށް އެތައްބަޔަކު އަދިވެސް ކުރަމުންދާ އުއްމީދުތަކާއެކީވެސް މެއެވެ.
ހަމަ އެއާއެކު، ފާހަގަ ވާން އޮތްކަމަކީ މީލާދީ އާއަހަރަށް ދިވެހިރާއްޖެއިންވެސް މަރުހަބާ ކިޔާފައިވާއިރު، މިފެށުނު އަހަރަކީ ދިވެހިރާއްޖެއަށް ހުރިހާ ގޮތަކުންވެސް މުހިންމު އަހަރަކަށް ވެގެންދާނޭ ކަމެވެ. އަންނަ އަޕްރިލް މަހު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، 2023 ވަނަ އަހަރު އިންތިޚާބުކުރި އާ ސަރުކާރަށް ދެ އަހަރު ފާއިތުވެގެން ގޮސް، އާއަހަރު ފެށިގެންދިޔައީ ސިޔާސީ ގޮތުންވެސް ގައުމަށް މުޅިން އާ ދުވަހަކަށް އަލިވިލަމުންނެވެ.
ސަރުކާރަށް ދެ އަހަރު، ސިޔާސީ ބޮޑު ބަދަލެއް!
މުޅި ދުނިޔެވެސް އާ އަހަރަކަށް މަރުހަބާ ކިޔާފައިވާއިރު، ކުރިޔަށް މިއޮތް 2026 ވެގެންދާނީ ދިވެހިރާއްޖެއަށް ހުރިހާ ގޮތަކުންވެސް ޚާއްސަ އަހަރެއް ކަމުގައެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ މިއަހަރަކީ އެތައް ބައެއްގެ އުއްމީދާއި ގުޅިފައިވާ، އާ ސަރުކާރަށް ދެ އަހަރުފުރި، ސިޔާސީ ގޮތުން އަދި އެނޫން ގޮތްގޮތުންވެސް ބޮޑެތި ބަދަލުތަކާއި ގައުމު ކުރިމަތިލާނެ އަހަަރަކަށް ވެގެންދާނެތީއެވެ.
މިގޮތުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު، ރައީސް މުއިއްޒުގެ ސަރުކާރަށް ދެއަހަރު ފާއިތުވެގެން ދިޔައިރު، ސިޔާސީ ގޮތުން ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ފާއިތުވި ދެއަހަރެއްހާ ދުވަހުގެ މުއްދަތުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ވަނީ މުހިންމު ބިލްތަކެއް ފާސްކޮށްފައެވެ. އޭގެ ތެރޭގައި ގާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލުތައްވެސް ހިމެނެއެވެ. އޭގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޕާޓީ ބަދަލު ނުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނެސް، އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމާ، އަދި އެނޫނަސް ގިނަ ބަދަލުތަކެއް ގެނެސްފައެވެ.
ހަމައެއާއެކު އާ އަހަރަށް މަރުހަބާ ކީއިރު، މިހާރު ސިޔާސީ ޕާޓީތަކުންނާއި، ސިޔާސީގޮތުން ފެނިގެންދިޔަ އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފެނިގެން ދިޔައީ، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ތެރޭގައި ހިގައިގެންދިޔަ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަަކެވެ. އެގޮތުން އެޗްޑީސީގައި ހިނގައިދިޔަ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާއެކު، އެކުންފުނީގެ އެމްޑީ ފަޒުލް ރަޝީދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައިވެއެވެ. އޭގެ އިތުރަށްވެސް ކޮރަޕްޝަންގެ ތުހުމުތު ސާބިތުވެ ސިޔާސީ ބައެއް ފަރާތްތަކަށް ފާއިތުވި އަހަރު ވަނީ ޖަލަށްވެސް ލެވިފައެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ މުއްދަތުގެ ތެރޭގައި ތަރައްގީގެ މާގިނަ މަޝްރޫއުތަކެއް ކުރިޔަށް ގޮސްފައި ނުވިނަމަވެސް، މިއަހަރަކީ މިސަރުކާރުގެ އާ ބަޖެޓާއެކު ތަރއްގީގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށްދާނެކަމަށް ސަރުކާރުން ވެފައިވާ ވައުދުތަކާއެކު، ރައީސް މުއިއްޒުގެ ސިޔާސީ ކުރިމަގު ސާފުވެ، މިއަހަރު ވެގެންދާނީ މި ސަރުކާރަށް ކުރިމަތިވެގެންދާނެ ބޮޑު އިމްތިހާނެއް ކަމުގައެވެ.

ކުރެވޭ އުއްމީދުތައް!
ފާއިތުވި 2025 ވަނަ އަހަރަކީ އިގްތިސާދީ ގޮތުންނާއި އަދި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ބަނަ އަހަރެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރިނަމަވެސް، އާއަހަރުގެ ފެށުން ގިނަ ބަޔަކު ފާހަގަކޮށްފައިވަނީ 2026ވަނަ އަހަރަކީ އުއްމީދީ އަހަރަކަށް ވެގެންދާނޭކަމުގެ ފޮނި އުއްމީދުތަކާއެކުއެވެ.
ހަމަ އެބީދައިން، ދިވެހިރާއްޖޭގެ އިގްތިސާދަށް އަންނަނަމުންދާ ހެޔޮ ބަދަލުތަކާއި، އަދި ދައުލަތުގެ އާމްދަނީއަށް 2026 ވަނަ އަހަރު އަންނާނެ ހެޔޮ ބަދަލުތަކާއެކު، ދައުލަތުގެ މުވައްޒަފުން ތިބީ މުސާރަތަކަށް އޭގެ ހެޔޮ ބަދަލުތަކެއް އަންނާނޭ ކަމުގެ އުއްމީދުގައެވެ. ނިމިދިޔަ އަަހަރު ރާއްޖެއަށް 2 މިލިއަންވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލް ވުމާއެކު، ފަތުރުވެރިކަމުގެ ސިނާއަތަށްވެސް އިތުރު ކުރިއެރުން ލިބި، އޭގެ އެދެވޭ ނަތީޖާ އިގްތިސާދުން ފެންނާނޭކަމުގެ އުއްމީދަކީވެސް 2026ވަނަ އަހަރުގެ އުއްމީދުތަކާއި ގުޅިފައިވާ މުހިންމު އަމާޒެއްކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
އޭގެ އިތުުރުން އާއަހަރު ފެށިގެންދިޔައިރު، ގައުމުގެ ސިޔާސީ މަސްރަހަށް އައިސްފައިވާ ބޮޑު ބަދަލާއެކު، ގައުމުގައި އޮތް ސިޔާސީ ހަލަބޮލިކަމަށް އައިސްފައިވާ ހަމަހިމޭންކަން އެގޮތުގައި ދެމި އޮންނާނޭކަމުގެ އުއްމީދުގައި، ގިނަބަޔަކު ތިބީ މިފެށިގެންދިޔަ 2026 ވަނަ އަހަރަކީ ގައުމަށް ސިޔާސީ ގޮތުން ހަމަޖެހުމެއް ލިބި، ތަރައްގީއާއި ތަމައްދުނުގެ ރޮގުން އާ އުސްމިނަކަށް ދަތުރުކުރެވޭ ފާގަތި އަހަރަކަށް ވެގެންދާނޭކަމުގެ ފޮނި އުއްމީދުގައެވެ.
ކޮމެންޓު ފޮނުވާ