ބްލޮގަރު ޔާމީން ރަޝީދު މަރާލި ކަމުގެ ކުށުގައި ކްރިމިނަލް ކޯޓުން އުމުރަށް ޖަލަށްލާން ހުކުމްކުރި ދެ މީހުންގެ ހުކުމް ހައިކޯޓުން މިއަދު ބާތިލުކޮށް، އަލުން ޝަރީޢަތް ކުރުމަށް ނިންމުމާ ގުޅިގެން އެ ދެ މީހުން އަލުން ހައްޔަރުކޮށްފި އެވެ.
2017 އޭޕްރިލް 23 ވަނަ ދުވަހުގެ ރޭ އޭނާގެ ގޭގެ ސިޑި ގޮޅިތެރޭގައި ޔާމީން ރަޝީދު މަރާލި މައްސަލާގައި ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ އިތުރުން ހަތަރު މީހަކުގެ މައްޗަށް ދައުލަތުން ދައުވާ އުފުލި އެވެ. ނަމަވެސް 2022 ގައި ކުށް ސާބިތުވީ ހައިޝަމާއި ޒިހާންގެ މައްޗަށް އެކަންޏެވެ.
އެ ދެ މީހުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން މިއަދު ކޯޓުން ވަނީ އެ މީހުންގެ ހުކުމް ބާތިލުކޮށް، އެ މައްސަލާގައި ކުށް ސާބިތު ނުވި މީހުންވެސް ހިމެނޭ ގޮތުން މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފަ އެވެ. ހައިކޯޓުގެ މި ނިންމުމާ ގުޅިގެން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ޝަރީޢަތް ނިމެންދެން ހައިޝަމާއި ޒިހާން ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. މި މައްސަލަ ރިޔާސީ ކޮމިޝަނުން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ