ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ރައީސް ވިދާޅުވީ ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވާ ކަމަށާއި، މި ހިތާމަވެރި ވަގުތުގައި އެކަމަނާގެ އާއިލާއަށް މާތްﷲ ކެތްތެރިކަން ދެއްވުމަށް ދުޢާ ކުރައްވާ ކަމަށެވެ.
80 އަހަރުގެ ޚާލިދާ ޒިޔާ އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައި ޑާކާގެ އެވަރކެއާ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވި އެކަމަނާ އެންމެ ފަހުން ދިޔައީ ފުއްޕާމޭގެ އިންފެކްޝަނަކަށް ފަރުވާ ހޯއްދަވަމުންނެވެ. އެކަމަނާގެ ޕާޓީ ބީއެންޕީއާއި ބަންގްލަދޭޝްގެ މީޑިއާތަކުން ވަނީ އެކަމަނާ އަވަހާރަވިކަން ހާމަކޮށްފައެވެ.
1991 ވަނަ އަހަރު ބާއްވާފައިވާ ފުރަތަމަ މިނިވަން އިންތިޚާބުގައި ކާމިޔާބު ހޯދައި ޚާލިދާ ވަނީ ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރަކަށް ވެވަޑައިގެންފައެވެ. އެ ކާމިޔާބީއަށްފަހު އެކަމަނާ ވަނީ ބަންގްލަދޭޝްގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވާފައެވެ. ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ސަރުކާރުގައި ކޮރަޕްޝަނުގެ ތުހުމަތުގައި 2018 ވަނަ އަހަރު ޖަލަށްލި ޚާލިދާ ޖަލުން ދޫކުރީ މިދިޔަ އަހަރު ހަސީނާގެ ވެރިކަން ވެއްޓުމުންނެވެ. 1945 ވަނަ އަހަރު އުފަންވި ޚާލިދާގެ އެންމެ ފަހު ދުވަސްކޮޅު ގެންދެވީ ފުރަމޭގެ އާލާސްކަން، ހިތުގެ މައްސަލަތަކާއި ހަކުރު ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ.
ކޮމެންޓު ފޮނުވާ