އަދާލަތު ޕާޓީގެ ރައީސްކަމުގެ އިންތިހާބު އަންނަ ޖެނުއަރީ 31 ވަނަ ދުވަހު ބާއްވަން ނިންމައި، އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. އެ ޕާޓީން ބުނީ ރައީސްކަމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޖެނުއަރީ 8 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ނަންހުށަހަޅަންޖެހޭނެ ކަމަށެވެ.
މި އިންތިޚާބުގައި ވޯޓުލެވޭނީ ޑިސެންބަރު 28، 2025އާ ހަމައަށް ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށެވެ. އެއް ފަރާތެއް ކުރިމަތިލައިފިނަމަ ފެންނަ ނުފެންނަ ވޯޓެއް ނަގާނެއެވެ. ނަމަވެސް، އެއް ފަރާތަށްވުރެ ގިނަ ފަރާތްތައް ކުރިމަތިލައިފިނަމަ އިލެކްޓްރޯނިކް ވޯޓިންގ މެދުވެރިކޮށް ސިއްރު ވޯޓެއް ނަގާނެކަމަށް އެ ޕާޓީން ބުންޏެވެ.
ރައީސްކަމަށް ކުރިމަތިލާ ފަރާތަކު އުމުރުން 30 އަހަރު ފުރިފައިވާ، ދީނީ ޙައްދެއް ނުވަތަ ޚިޔާނާތާއި ބަދުއަޚްލާޤީ މައްސަލައެއް ސާބިތުނުވާ، ޕާޓީގެ މަޖިލީހެއްގައި މަދުވެގެން ދެ އަހަރު އުޅުނު، ދަށްވެގެން ޑިޕްލޮމާ ފެންވަރަށް ތައުލީމު ހާސިލުކޮށް ތިން އަހަރުގެ ތަޖުރިބާ ހުންނަންޖެހެއެވެ. ކުރިމަތިލާ ފަރާތުން ރަނިންމޭޓެއްގެ ގޮތުގައި ނައިބު ރައީސަކު ހުށަހަޅަންޖެހޭއިރު، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި އައިޑީކާޑު ކޮޕީ، ސީވީ، ތައުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ކޮޕީ، އަމަލީ ތަޖުރިބާގެ ލިޔުން އަދި ކުށުގެ ރިކޯޑު ހިމެނެއެވެ.
ކޮމެންޓު ފޮނުވާ