ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީން ހުޅުމާލޭގައި އެފޯޑަބަލް ހައުސިން ޔުނިޓްތައް އިމާރާތްކުރުމުގެ ދެ ބޮޑު މަޝްރޫއުގެ މަސައްކަތް މިއަދު ހަވާލުކޮށްފިއެވެ. މި މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ބެންކުން ބުނެފައިވެއެވެ.
މި މަޝްރޫއުތަކަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެކުލަވާލި އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގެ ދަށުން ހިންގާ މަޝްރޫއުތަކެކެވެ. މި ސްކީމްގެ ދަށުން ރާއްޖޭގެ ކޮމަރޝަލް ބޭންކުތަކުން ދޫކުރާ ލޯނު ޕޯޓްފޯލިއޯގެ 10 އިން 15 ޕަސެންޓު އެފޯޑަބަލް ހައުސިންއަށް ހާއްސަކުރަން ލާޒިމްކޮށްފައިވެއެވެ.
ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް އަށް ހުޅުމާލޭ ޒޯން 2ގައި 1،117 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން އަށް 1،224 ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވެއެވެ. މި ދެ ކުންފުންޏަކީވެސް ރާއްޖޭގައި ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވާ ކުންފުނިތަކެއް ކަމަށް ބެންކުން ބުނެއެވެ. އެގޮތުން ވެލާނާ އެއާޕޯޓުގެ ރަންވޭ ތަރައްގީކުރުމާއި، ވިނަރެސް ހައުސިންގ ޕްރޮޖެކްޓާއި، ހުޅުމާލޭ ފޭސް 2ގެ މަސައްކަތްތަކުގައި މި ކުންފުނިތައް ބައިވެރިވެފައިވެއެވެ.
ކޮމެންޓު ފޮނުވާ