ސުނާމީގެ ހަނދާނުގައި ތަރައްގީކޮށްފައިވާ މައިޒާންގެ ވީރާނާވެފައިވާ ތަންތަން މަރާމާތުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރުމަށް ނިންމައިފިއެވެ. ތޮށިގަނޑާވީ ދިމާލުން ވޯކްވޭތައް ހަލާކުވެ، ވެލިގަނޑު ގަނބައިގަނެ އަޑިއަށް ގޮސްފައިވާއިރު، ބިނާގައި ދަބަރު ވެސް ޖަހައިފައިވެއެވެ.
މި ހާލަތުގައި އެ މައިޒާން އެތައް މަހަކު ވަނިކޮށް، މާލޭ ސިޓީ ކައުންސިލުން މިކަން ކޮށްދޭން ކޮންސްޓްރަކްޝަން މިނިސްޓްރީގައި އެދުނެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ އޮފިޝަލަކު ބުނީ އެމްޓީސީސީއާ މަސައްކަތް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އަދި ރަސްމީކޮށް ހަވާލުކޮށްފައި ނުވާ ކަމަށެވެ. އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމެންވާއިރަށް މަރާމާތުގެ މަސައްކަތް ނިންމުމަށް އަމާޒުހިފާފައިވާކަން ވެސް އޭނާ ފާހަގަކުރިއެވެ.
ސުނާމީ ކާރިސާއަށް 21 އަހަރު ފުރިފައިވާއިރު، އެ ކާރިސާގައި ދިވެހީން ދެއްކި އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުން ތައްޔާރުކުރި ސުނާމީ ބިނާ މިހާރު ހުރީ ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައެވެ. ކުރީގައި ލޮނުޒިޔާރަތްކޮޅުގައި ބެހެއްޓި އެ ބިނާ އަދި ވެސް ހަވީރު ފިންޏަށް މީހުން އެއްވާ މަޝްހޫރު ސަރަހައްދަކަށްވެފައި، ކުޑަކުދިންނާއި ޒުވާނުންނާއި އުމުރުން ދޮށީ މީހުން އެއްވުމަށް ބޭނުންކުރާ މައިޒާނަކަށްވެފައިވެއެވެ.
ކޮމެންޓު ފޮނުވާ