ރާއްޖެއަށް މިއަހަރު 2.2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްޖެއަށް މިއަހަރު 2.2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

Author
ހުސައިން
28 ޑިސެމްބަރ 2025 12:51
0

ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދިފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ޑިސެންބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އަންނަ އަހަރުގެ މިހާތަނަށް 2,213,795 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 2,014,577 ފަތުރުވެރިންކަން ފާހަގަކުރެވޭއިރު، މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު ގާތްގަނޑަކަށް 10 ޕަސެންޓު އިތުރުވުމެކެވެ.

މި އަހަރުގެ ޑިސެންބަރު މަހުގެ ފުރަތަމަ 27 ދުވަހުގެ ތެރޭގައި ރާއްޖެއަށް 191,734 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.4 ޕަސެންޓު އިތުރު އަދަދެކެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ބާޒާރަކީ ޗައިނާއެވެ. ޗައިނާއިން 328,503 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައީ ރަޝިއާއިންނެވެ. ރަޝިއާއިން 272,852 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. އިނގިރޭސިވިލާތުން 199,570 ފަތުރުވެރިންނާއި، ޖަރުމަނުވިލާތުން 166,079 ފަތުރުވެރިންނާއި، އިޓަލީވިލާތުން 147,529 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ހަމަވެފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު އެއް މަސްދުވަސް ކުރިންނެވެ. މިދިޔަ އަހަރު 2 މިލިޔަން ފަތުރުވެރިން ހަމަވީ ޑިސެންބަރ 26 ވަނަ ދުވަހުއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,466 ފަތުރުވެރިން ޒިޔާރަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.