ޒަމާނީ ފެންވަރަށް ތަރައްގީކޮށް މިދިޔަ ނޮވެމްބަރު މަހު އަލުން ހުޅުވި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ހެނދުނު ފަސިންޖަރުންނާއެކު ފުރަތަމަ ކޮމާޝަލް ޖެޓް ޖައްސައިފިއެވެ. ހައިޑަވޭ ބީޗް އެންޑް ރިސޯޓަށް ޗުއްޓީ ހޭދަކުރަން އައި އަށް ފަތުރުވެރިންނާއެކު ހެނދުނު 9:40 ހާއިރު އެއާޕޯޓަށް ޖެއްސި މި ޖެޓަކީ ޕެރާގުން ސީދާ ހަނިމާދޫއަށް ދަތުރުކުރި ޖެޓެކެވެ.
މީގެ ކުރިން ތެޔޮ އެޅުމަށް ބައެއް ޖެޓުތައް ހަނިމާދޫއަށް ޖެއްސި ނަމަވެސް ފަސިންޖަރުން ގޮވައިގެން އައި ޖެޓެއް ޖެއްސި މިއީ ފުރަތަމަ ފަހަރަށެވެ. އާއަހަރާ ދިމާކޮށް އައި މި ޖެޓަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް އެއާޕޯޓުން ފޯރުކޮށްދީފައިވާ ކަމަށް އެތަނުން މައުލޫމާތު ދެއްވައެވެ.
މިދިޔަ ނޮވެމްބަރު 10 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ހުޅުވައިދެއްވި މި އެއާޕޯޓަކީ 15 ޖެޓަށް އެއްފަހަރާ ޕާކުކުރެވޭނެ އިންތިޒާމުތަކާއެކު ތަރައްގީކޮށްފައިވާ ތަނެކެވެ. އިންޑިޔާގެ ޖޭއެމްސީއާ ހަވާލުކޮށްގެން 136.6 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ތަރައްގީކުރި މި އެއާޕޯޓުން އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެއެވެ. 2465 މީޓަރުގެ ދިގު ރަންވޭއަކާއެކު، އޭ320 އަދި ބޮއިންގ 737 ފަދަ ބޮޑެތި ފްލައިޓްތަކަށް ޚިދުމަތް ދެވޭނެ ގޮތަށް މި އެއާޕޯޓު ތަރައްގީކޮށްފައިވާއިރު، ދިވެހިވަންތަކަން ރަމްޒުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ 10،380 އަކަމީޓަރުގެ އައު ޓާމިނަލް ދެ ފަންގިފިލާއަށް ބަހާލެވިފައިވެއެވެ.
ކޮމެންޓު ފޮނުވާ