ޕާކިސްތާނުގެ ބާނީގެ 148 ވަނަ އުފަންދުވަސް ރާއްޖޭގައި ފާހަގަކޮށްފި

ޕާކިސްތާނުގެ ބާނީގެ 148 ވަނަ އުފަންދުވަސް ރާއްޖޭގައި ފާހަގަކޮށްފި

Author
ހުސައިން
26 ޑިސެމްބަރ 2025 11:27
0

ޕާކިސްތާނުގެ ބާނީ ޤުއައިދު-އަލް-އަޒަމް މުޙައްމަދު އަލީ ޖިނާހްގެ 148 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނުން މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. ކޮމިޝަން އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ހައި ކޮމިޝަނަރ ވައިސް އެޑްމައިރަލް ރިޓަޔާޑް ފައިސަލް ރަސުލް ލޮދީ ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައި ކޮމިޝަނަރ ލޮދީ ވަނީ ޖިނާހްގެ ޤައުމީ ޚިދުމަތްތަކާއި ޕާކިސްތާން އުފެއްދުމުގައި އެމަނިކުފާނު އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. އެމަނިކުފާނުގެ ހަރުދަނާ ލީޑަރޝިޕާއި މިނިވަންކަމަށްޓަކައި ކުރެއްވި މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވި އެމަނިކުފާނު، ޖިނާހްގެ ވިސްނުންފުޅުތަކަކީ މިއަދުވެސް ޕާކިސްތާނުގެ މުސްތަޤުބަލަށްޓަކައި މުހިންމު ދިރިހުރި ޚިޔާލުތަކެއްކަން ފާހަގަކުރެއްވިއެވެ.

1876 ވަނަ އަހަރު ވިލާދުވެވަޑައިގެން 1948 ވަނަ އަހަރު ވަފާތުވި ޖިނާހް އަކީ ޤާނޫނީ ވަކީލެއްގެ ގޮތުން ހަރަކާތްތެރިވެވަޑައިގެން އިންޑިއާގެ މުސްލިމުންނަށް ވަކި ދައުލަތެއް ޤާއިމުކުރުމަށް މަސައްކަތްކުރައްވާ 1947 ވަނަ އަހަރު ޕާކިސްތާން އުފެއްދުމުގައި ނުހަނު މުހިންމު ދައުރެއް އަދާކުރެއްވި ސިޔާސީ ޝަޚްޞިއްޔަތެކެވެ. މި ރަސްމިއްޔާތަކީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އިސްލާމީ އަޚްވަންތަކަމާއި ސަގާފީ އެއްގޮތްކަމުގެ މައްޗަށް ބިނާވެފައިވާ ދިގު ތާރީޚީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.