ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުބާވެ ރައްޔިތުންގެ ކިބައިން މާފަށް އެދުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ. ރިސޯޓްތަކުގައި ވިއްކާ ތަކެތި މީހުން ދިރިއުޅޭ ރަށްރަށުން ނުލިބުމަކީ ބޭއިންސާފެއް ކަމަށް ނަޝީދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އަދާލަތުން ފާޑު ކިޔައިފިއެވެ.
އަދާލަތުން ނެރުނު ބަޔާނެއްގައި ބުނީ ރިސޯޓްތަކުގައި ވިއްކުން މަނާ ބަނގުރަލާއި އޫރުމަހަކީ ޤުރުއާނުގެ ދަލީލުތަކުން ހަރާމްކުރެވިފައިވާ ތަކެއްޗެއް ކަމަށެވެ. މިއަދުގެ ސައިންސާއި އިންސާނީ ހޯދުންތަކުން ވެސް އެއީ ފާހިޝް އަމަލުތަކާއި މުންކަރާތްތަކަށް މަގުފަހިކޮށްދޭ ނުބައި ކަމެއްގެ އަސްލު ކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށް އަދާލަތުން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ރިސޯޓްތަކުގައި ފަތުރުވެރިންނަށް ޒަމާނުއްސުރެ މިފަދަ ތަކެތި ވިއްކަމުން އައިނަމަވެސް، އެއީ އާންމު ރައްޔިތުން ދިރިއުޅޭ ރަށްރަށުގައި މިފަދަ މުންކަރާތްތައް ޢާންމުކުރުމަށް ބޭނުންކުރެވޭނެ ހުއްޖަތެއް ނޫން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. މިފަދަ ތަކެތި ޢާންމުކުރުމާއި ގޮވާލުމަކީ އިސްލާމީ ޝަރީޢަތުގައި ހަރާމް ކަމެއް ކަމަށްވެސް އަދާލަތުން ފާހަގަކުރި އެވެ.
"ރައީސް ނަޝީދު މީހުން ދިރިއުޅޭ ރަށްރަށުގައި އެކަންކަން ކުރުމަށް ހިއްވަރު ލިބޭ ގޮތަށް ދެއްކެވި ވާހަކަފުޅަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން. އެފަދަ ވާހަކަތައް ތަކުރާރު ނުކުރުމަށާއި އެކަމުން ތައުބާވެ ދިވެހިރައްޔިތުންގެ ކިބައިން މާފަށް އެދުމަށް ގޮވާލަން،" އަދާލަތުގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދާލަތުން ވަނީ ރާއްޖޭގެ އިސްލާމީ ޢަޤީދާ އާއި ދިވެހިންގެ އިސްލާމީ ސަގާފަތް ރައްކާތެރިކުރުމަށް އެންމެހައި ދިވެހިން ގުޅިގެން މަސައްކަތްކުރުމަށް ވެސް ގޮވާލާފަ އެވެ.
ކޮމެންޓު ފޮނުވާ