އަތޮޅުތަކުގައި ކަސްޓަމްސްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ނ. މާފަރުގައި ތަރައްޤީކުރި އައު އޮފީސް ޢިމާރާތް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކަސްޓަމްސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބިނާކުރި މި ޢިމާރާތަކީ 8.66 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ފިއުޗާރ ހޯމް ޕްރައިވެޓް ލިމިޓެޑްއިން ނިންމާފައިވާ މަޝްރޫޢެކެވެ. 6,557 އަކަފޫޓުގެ ޖާގަ ހިމެނޭ މި ޢިމާރާތުގައި 20 އޮފިސަރުންނަށް މަސައްކަތްކުރެވޭނެ އޮފީސް ޖާގައާއި 25 އޮފިސަރުންގެ އެކޮމޮޑޭޝަން ފެސިލިޓީ އަދި މީޓިންގ ރޫމެއް ޤާއިމްކޮށްފައިވެއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ މާފަރު އެއަރޕޯޓަށް ޖައްސާ ފްލައިޓްތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އައު އޮފީހުގެ ސަބަބުން ފަސިންޖަރުންނަށާއި މުދަލުގެ ލިޔެކިޔުންތައް ނިންމުމަށް ބޮޑު ލުޔެއް ލިބޭނެކަމަށެވެ. މަތީ ފަންތީގެ ގިނަ ރިސޯޓްތަކެއް އޮތް ނ. އަތޮޅަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަށް މި އޮފީހުގެ މުހިންމުކަން ބޮޑުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ