މި ހަފްތާގެ ހުކުރު ދުވަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަފުޅު ޓުވިޓަރ އެކައުންޓް، ޓުވިޓަރއިން ބޭނުން ނުކުރެވޭގޮތަށް ސަސްޕެންޑް ކޮށްލުމާ ގުޅިގެން، އަމިއްލަ ސޯޝަލްމީޑިއާ ޕްލެޓްފޯމެއް އުފެއްދެވުމަށް ވިސްނަވަމުން ގެންދަވާކަމަށް ވިދާޅު ވެއްޖެއެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ، މިހާތަނަށް ރަސްމީ އަދި ނުރަސްމީ ހުރިހާ އާންމު މުއާމަލާތެއްވެސް ކުރެއްވުމަށް ޓްރަމްޕް ބޭނުން ކުރައްވަމުން ގެންދެވި އަމިއްލަފުޅު ޓުވިޓަރ އެކައުންޓް @realDonaldTrump އިން، އެމެރިކާގެ ރިޔާސީ އިންތިޚާބާ ގުޅިގެން ހިގަމުންދާ ހަމަނުޖެހުންތަކަށް ހިތްވަރުދޭކަމަށް ތުހުމަތުކޮށް ޓުވިޓަރ ކުންފުނިން މިއެކައުންޓް ސަސްޕެންޓް ކުރިތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި، އެމެރިކާގެ ރައީސްގެ ރަސްމީ ޓުވިޓަރ އެކައުންޓް @POTUS އިން ކުރެއްވި ޓުވީޓުތަކެއްގައެވެ.
ޓުވިޓަރއިން މިހާރު ޑިލީޓް ކޮށްފައިވާ، މިޓުވީޓުތަކުގައި ޓްރަމްޕް ވިދާޅުވެފައިވަނީ، އޭނާއާއި އޭނާގެ ޓީމުން "މިހާރު ބަލަމުންދަނީ މިފަދަ އަމިއްލަ ޕްލެޓްފޯމެއް ވުޖޫދު ކުރުމަށް،" ކަމަށެވެ.
"އަހަރެން އަބަދުވެސް ބުނަމުން އައީ، ޓުވިޓަރއިން ވަނީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމުގައި ހައްދު ފަހަނައަޅާފައި، އަދި މިރޭ އެމީހުންގެ މުވައްޒަފުން މިވަނީ، ޑިމޮކްރަޓިކް ޕާޓީއާއި އަދި ހައްދުފަހަނަ އަޅާފައިވާ ވާތުފިޔައިގެ މީހުންނާ އެއްބައިވެގެން، އެމީހުންގެ ޕްލެޓްފޯމުން އަހަރެންގެ އެކައުންޓް ނައްތާލާ، އަހަރެންނާ އަދި އަހަރެންނަށް ވޯޓުލީ 75،000،000 އެމެރިކާގެ ރައްޔިތުންގެ އަޑު ކަޑުވާލުމަށް މަސައްކަތް ކޮށްފައި،" ޓުވިޓަރއިން ޓްރަމްޕްގެ އެކައުންޓް ސަސްޕެންޑްކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެމެރިކާގެ ރައީސަށް ޚާއްސަކުރެވިފައިވާ އެކައުންޓުން ކުރި ޓުވީޓެއްގައި ޓްރަމްޕް ލިޔުއްވާފައި ވެއެވެ.
"ޓުވިޓަރ ފަހަރެއްގައި ވެދާނެ އަމިއްލަ ކުންފުޏަކަށް. އެހެންނަމަވެސް، ސަރުކާރުން އެމީހުންނަށް ފޯރުކޮށްދީފައިވާ، 230 ވަނަ ބާބުގެ ރައްކާތެރިކަމުގެ ޒަރީއާއިން މެނުވީ މިއަދު އެމީހުންނަށް އާދެވިފައިވާ ހިސާބަށް ނާދެވުނީސް،" 1996 ވަނަ އަހަރު އެމެރިކާއިން ފާސްކޮށްފައިވާ ކޮމިއުނިކޭޝަން ގާނޫނުން އެގައުމުގެ ޓެކް ކުންފުނިތަކަށް ދީފައިވާ ހިމާޔަތާ ރައްކާތެރިކަމަށް އިޝާރާތް ކުރައްވާ ޓްރަމްޕް ލިޔުއްވާފައި ވެއެވެ. ވެރިކަމުގައި، ޓްރަމްޕް ވަނީ އެތައް ފަހަރަކު، އެމެރިކާގެ ބޮޑެތި ޓެކް ކުންފުނިތަކަށް މިގާނޫނުން ލިބިދީފައިވާ ރައްކާތެރިކަމަށް ފާޑުވިދާޅުވެ، މިރައްކާތެރިކަން ގާނޫނުން އުނިކުރަންވެސް މަސައްކަތް ކުރައްވާފައެވެ.
"މިދުވަސް އަންނާނެ ކަމަށް އަހަރެން ބެލިން. އަހަރެމެން އައީ އިތުރު އެތަކެއް ސައިޓްތަކަކާއި މަޝްވަރާ ކުރަމުން، އަދި ވަރަށް އަވަހަށް ބޮޑު ނިންމުމެއް އިއުލާން ކުރާނަން، ހަމަ އެއާއެކު، އަހަރުމެން މިދަނީ އަހަރެމެންގެ އަމިއްލަ ޕްލެޓްފޯމެއް ވަރަށް އަވަހަށް ވުޖޫދުކުރުމުގެ މަސައްކަތްވެސް ކުރަމުން،" ފުލުފުލުގައި ކުރެއްވި ޓުވީޓު ތަކުގައި ޓްރަމް ވިދާޅުވިއެވެ. "އަހަރުމެންގެ އަޑު ކަޑުވައެއް ނުލެވޭނެ!"
އެމެރިކާގެ ރައީސަށް ޚާއްސަ ކުރެވިފައިވާ ޓުވިޓަރ އެކައުންޓް @POTUS އިން ކުރި މިޓުވީޓުތައް ކުރިތާ މާގިނައިރުތަކެއް ނުވަނީސް ޓުވިޓަރއިން ވަނީ މިޓުވީތައް އެ އެކައުންޓުން ޑިލީޓް ކޮށްފައެވެ. އެހެންމަވެސް، މި ޓުވީޓްތައް ޑިލީޓްކުރުމުގެ ކުރިން ބައެއް ފަރާތްތަކުން މިޓުވީޓްތަކުގެ ސްކްރީން ޝޮޓްތައް ހަދާފައިވެއެވެ. އަދި މިޓުވީޓްތަކުގެ ކޮޕީތައްވަނީ ވައިޓް ހައުސްގެ ޚަބަރުތައް ރިޕޯޓުކުރާ ނޫސްވެރިންނާ ހިއްސާވެސް ކުރެވިފައެވެ.
Trump returns, on the @POTUS account, and says he is looking "at the possibilities of building out our own platform in the near future." pic.twitter.com/AhbICQ82OM
— Josh Wingrove (@josh_wingrove) January 9, 2021
ޓުވިޓަރގެ ތަރުޖަމާން ވިދާޅުވެފައިވާ ގޮތުގައި، އެކުންފުނިން ޓްރަމްޕާ ދެކޮޅަށް އާޅާފައިވާ ފިޔަވަޅުތަކުން ރެކިގަތުމުގެ ގޮތުމުގެ ގޮތުން، @POTUS ނުވަތަ @WhiteHouse ޓުވިޓަރ ހޭންޑްލްތަކުން ކުރާ ޓުވީޓުތައް އެކުންފުނިން ޑިލީޓްކުރާނެ ކަމުގައެވެ.
"އަހަރެމެންގެ، ފިޔަވަޅުއެޅުމާބެހޭ ގައިޑްލައިންތަކުގައި ވާގޮތުން، އަޅާ ފިޔަވަޅުން ރެކިގަތުމަށް އެހެން އެކައުންޓެއް ބޭނުންކޮށްގެން ޓުވީޓު ކުރަމުންދާނަމަ، އެކައުންޓެއްވެސް ސަސްޕެންޑް ކުރެވިގެންދާނެ،" ޓުވިޓަރގެ ތަރުޖަމާނު ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ "އެމެރިކާގެ ސަރުކާރުގެ އެކައުންތައް ކަމުގައިވާ @POTUS އަދި @WhiteHouse އަހަރުމެން ސަސްޕެންޑު ނުކުރާނަން، އެހެންނަމަވެސް، އެއެކައުންޓުތަކުގެ ބޭނުންކުރުން އަހަރުމެން ކޮންޓްރޯލް ކުރާނަން." ކަމުގައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓުވިޓަރ އެކައުންޓް ބޭނުންކޮށްގެން އިތުރަށް ހަމަނުޖެހުން އުފެއްދުމުގެ ރިސްކު އޮތުމާގުޅިގެން ކަމަށްބުނެ، އެ ޓުވިޓަރ އެކައުންޓް ދާއިމީކޮށް ޓުވިޓަރއިން ވަނީ ސަސްޕެންޑް ކޮށްފައެވެ. ޓުވިޓަރއިން ބުނެފައިވާ ގޮތުގައި، ޓްރަމްޕްގެ ޓުވިޓަރ އެކައުންޓުން ޖެނުއަރީ 7 ވަނަ ދުވަހު ކޮށްފައިވާ 2 ޓުވީޓެއްވަނ،ީ ހަމަނުޖެހުން އުފެއްދުމާ ދެކޮޅަށް އެކުންފުނިން އެކުލަވާލާފައިވާ މިންގަޑުތަކާ ޚިލާފްވެފައެވެ. އަދި އެކުންފުނިންވަނީ މި 2 ޓުވީޓް ޑިލީޓްކޮށް، އެދުވަހު 12 ގަޑިއިރުވަންދެން ޓްރަމްޕްގެ އެކައުންޓް ލޮކްކޮށްފައެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް އޭނާގެ ދައުރުގައި މިހާތަނަށް ރަސްމީ އަދި ނުރަސްމީ ޓުވީޓުތައްވެސް ކުރެއްވުމުގައިވެސް ބޭނުން ކުރައްވާފައިވަނީ އަމިއްލަފުޅު ޓުވިޓަރ އެކައުންޓް realDonaldTrump@ އެވެ. މި އެކައުޓް 88.9 މިލިއަން މީހުން ފޮލޯ ކުރެއެވެ.