ހިޔާ ފްލެޓުގެ ކުލި މައާފު ނުކުރުމަށް ބައެއް އާންމުން ރައީސްގެ އަރިހުން އެދިއްޖެ

ހިޔާ ފްލެޓުގެ ކުލި މައާފު ނުކުރުމަށް ބައެއް އާންމުން ރައީސްގެ އަރިހުން އެދިއްޖެ

Author
އައިޝަތު އަޙްމަދު
22 ޑިސެމްބަރ 2025 09:32
0

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި އާންމުންގެ މީހަކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން ހިޔާ ފްލެޓުތަކުގެ ކުލި އަދި ޖޫރިމަނާގެ ފައިސާ މައާފު ނުކޮށްދިނުމަށް އެދިއްޖެ އެވެ.

ވާހަކަދެއްކި މި ފަރާތް ބުނީ ފްލެޓަށް ކުރިމަތިލީ ވަކި ޝަރުތުތަކެއް އޮވެގެން ކަމަށާއި، ކޮންމެ މަހަކު ކުލި ދައްކަން އެއްބަސްވެގެން އެތަން ދީފައި އޮތުމުން އެ ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އެހެންވީމާ ކުލި ނުދައްކައިފިނަމަ އަރާ ޖޫރިމަނާ ވެސް ދައްކަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ކުލި މައާފު ނުކޮށްދެއްޗޭ. އެ ފްލެޓަށް ކުލި ނުދައްކައިފިއްޔާ އަރާ ޖޫރިމަނާ ވެސް އަޅުގަނޑަށް މައާފު ނުކޮށްދެއްޗޭ. އަޅުގަނޑު ކުށެއް ކުރީމާ ލިބެން ޖެހޭ ހައްގު އަދަބު ލިބެން ޖެހޭނެ،" އޭނާ ރައީސަށް ދެންނެވި އެވެ.

ބައެއް ފަރާތްތަކުން ފާހަގަ ކުރީ، ފްލެޓްތައް އެތަންތަނުގެ ވެރިން ވަނީ ކުއްޔަށް ދީފައި ކަމަށާއި، ކުއްޔާއި ޖޫރިމާނާ މާފް ކުރުމުން އޭގެ ހަގީގީ ފައިދާ އެތަންތަނުގައި ދިރިއުޅެމުންދާ މީހުންނަށް ކުރަމުން ނުދާކަމުގައވެެ.

މި ވާހަކަތައް ދެއްކީ ސަރުކާރުން ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ އަނެއްކާވެސް މައާފުކޮށްދީފައިވަނިކޮށެވެ. މިދިޔަ އަހަރުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާއަކީ 1.2 މިލިއަން ރުފިޔާ އެވެ. 2023 ގައި ވެސް ޖޫރިމަނާތައް މައާފުކޮށްދީފައިވެ އެވެ.

އެޗްޑީސީން ބަލަހައްޓާ ހިޔާ ފްލެޓުތަކުގެ ތެރެއިން 5،099 ފްލެޓަކުން ގަވާއިދުން ކުލި ނުދައްކަ އެވެ. މިދިޔަ ޖުލައި މަހު ހިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނުލިބި ހުރި ފައިސާގެ އަދަދު 628 މިލިއަން ރުފިޔާއަށް އަރަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.