މާލޭގެ މަސް މާރުކޭޓު ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލު ކުރުމުގައި މިލިއަން ޑޮލަރުގެ ދެ އެއްބަސްވުން ހެދި މައްސަލާގައި އޮޑިޓް ރިޕޯޓު ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެއެވެ. އެ ރިޕޯޓު ސިޓީ ކައުންސިލްގެ މެމްބަރުންނާ ވެސް ހިއްސާ ކުރައްވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ހޯއްދަވަން ކުރައްވާ ކެމްޕެއިން ޖަލްސާއެއްގައި މޭޔަރު ވިދާޅުވީ މަސް މާރުކޭޓުގެ އެއްބަސްވުމުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މުދަލާއި ފައިސާގައި ޖެހިގެން އެއްވެސް މީހަކަށް ހުރެވިގެން ނުވާނެއެވެ. އެފަދަ މީހަކަށް އެކަށީގެންވާ އަދަބު ލިބެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މަސް މާރުކޭޓާ ގުޅޭ ދެ ކޮންޓްރެކްޓެއް އޮތް މައްސަލަ މިދިޔަ އޮގަސްޓު މަހު ފެންމަތިވެ، އެ މައްސަލަ އޭރު ބޭއްވި ސިޓީ ކައުންސިލްގެ ޖަލްސާއަށް މޭޔަރު ވަނީ ގެންނަވައިފައެވެ. މޭޔަރު ވިދާޅުވި ގޮތުގައި ދެވަނަ ކޮންޓްރެކްޓް ހަދާފައި އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރު ކަމުން އިސްތިއުފާ ދެއްވައި ރައީސްކަމާ ހަވާލުވެ ވަޑައިގަތުމުން އެ މަގާމު ހުސްވެފައި އޮތް ދުވަސްވަރު ކަމަށެވެ. އެއީ ބިޑް ކޮމިޓީގެ ނިންމުމާ ހިލާފަށް އެފްޖޭ ޑިޒައިން ކިޔާ ކުންފުންޏަކާ ހަދާފައިވާ އެއްބަސްވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމަކު މައްސަލާގައި ކުރިއަށް ވަޑައިނުގެންނެވެނީ ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކާ ހެދި ކަމަށް މޭޔަރު ވިދާޅުވިއެވެ. އަމިއްލަ އަށް ވެސް ބައެއް މުއައްސަސާތަކަށް ވަޑައިގެން މައްސަލަ ނިންމުން އަވަސް ކޮށްދޭން އެދިވަޑައިގެންނެވި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާ އަށް ވެސް މި މައްސަލަ އަވަސް ކޮށްދޭން އެދި ފޮނުވައިފައިވާ ކަމަށާއި ނަމަވެސް ޚަބަރެއް ނުވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ