މިދިޔަ އެޕްރީލް މަހު ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރަން ދަނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސް ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ރައްކާކޮށްފައި ހުރި ކޮންޓޭނަރެއް ވަގަށް ނެގުމުގެ މައްސަލާގައި 10 މީހަކަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި ތުހުމަތު ކުރެވުނު 11 މީހުންގެ ތެރެއިން މުހައްމަދު ވަހީދު އާއި އަހްމަދު އާރިފް ހިމެނޭ 10 މީހުންގެ މައްޗަށް ދައުވާކުރަން މިމަހުގެ 3 ވަނަ ދުވަހު ފުލުހުން މައްސަލަ ހުށަހެޅުމުން މިހާރު ކޯޓަށް ދައުވާ އުފުލާފައިވާ ކަމަށެވެ. އެކަމަކު ތުހުމަތުކުރެވޭ މުހައްމަދު ޝަރީފުގެ މައްޗަށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާތީ އޭނާގެ މައްސަލަ ފުލުހުންނަށް އަނބުރާ ފޮނުވާލާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ހާމަކުރިއެވެ.
ދައުވާ ލިބިފައިވާ މީހުންގެ މައްޗަށް އުފުލާފައިވަނީ ވައްކަން ކުރުމާއި، ވައްކަންކުރަން ރޭވުމާއި، ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާތަކެވެ. ޕީޖީ އޮފީހުން ބުނީ ދައުވާ ސާބިތުވާ ހާލަތުގައި މި ކުށުގެ ބާވަތާއި ހައްސާސްކަމަށް ރިއާޔަތްކޮށް އެންމެ މަތީ އަދަބު ކަނޑައެޅުމަށް ކޯޓުގައި އެދޭނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ