ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ރިޕޯޓެއްގައި ދިފާއީ ވަކީލުން ހެކިންނަށް ބިރުދައްކާ ކަމަށް ބުނެފައިވާތީ، އެއީ އަސާސެއް ނެތް ތުހުމަތެއް ކަމަށް ބުނެ ބާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެމްއެމްއޭ ކައިރީގައި ހިނގި ހަމަލާގައި އިބްރާހިމް އާގިލް މަރާލި މައްސަލައިގެ ހުކުމްގައި ގާޒީ އަލީ އާދަމް ވިދާޅުވެފައިވަނީ، ނުރައްކާތެރި ކުށްތަކުގައި ދިފާއީ ވަކީލުން ހެކިވެރިންނަށް ބިރުދައްކާ ކަމަށާއި، އެއީ ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑު ގޮންޖެހުމަކަށްވާ ކަމަށެވެ.
ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ވަކި އަމަލެއްގެ ހެކި ނެތި މިފަދަ ތުހުމަތުތައް ކުރުމުން ދިފާއީ ވަކީލުންނާމެދު އާންމުންގެ ތެރޭގައި ނުބައި ތަސައްވުރެއް އުފައްދާ ކަމަށެވެ. ގާނޫނީ ވަކީލެއްގެ އެހީ ހޯދުމަކީ ޤާނޫނީ ހައްގެއް ކަމަށާއި، އެ ހައްގު ފޯރުކޮށްދޭ ވަކީލުންނަށް ކުށްވެރިންގެ ސިފަ ނުދެވޭނެ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ. ދައުލަތުގެ އިދާރާތަކުންނާއި ކޯޓުތަކުން ހެކި ނެތި މިފަދަ ތުހުމަތުތައް ކުރުމަކީ އިންސާފުވެރި ޝަރީއަތުގެ ހައްގަށް ހުރަސްއަޅާ ކަމެއް ކަމަށާއި، އަދުލު އިންސާފުގެ ނިޒާމާމެދު އޮންނަ އިތުބާރަށް ގެއްލުން ލިބޭނެ ކަމެއް ކަމަށް ބާ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ