މަސްވެރިންނަށް އެބައިމީހުން ބާނާ މަހަށް ހަމައަގު ލިބޭނީ ބޭރުފަރާތްތަކަށް މަސްގަތުމުގެ ލައިސަންސް ދީގެން ކަމަށާއި، މި ވިޔަފާރީގައި ސަރުކާރު އެއްފަރާތަކަށް ވުމަކީ މުހިންމު ކަމެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ނަޝީދު ވަނީ ދިވެހި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބައެއް ހިޔާލުތަކެއް ހުށަހަޅުއްވާފައެވެ. އެގޮތުން ރޮލާ މަސް އެކްސްޕޯޓު ކުރުން މަދުކޮށް، ގޭދޮށު މަސް ޕްލާންޓުތަކާއި ކަންނެލި ޖަހާ ތަންތަން ތަރައްޤީކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި އޮޑިފަހަރުގައި ހުންނަ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ ރަނގަޅުކޮށް، މަސް ބަހައްޓާނެ ތަންތަން ފުޅާކުރަން ރައީސް ނަޝީދު ގޮވާލެއްވިއެވެ. މިކަންކަމުގެ ސަބަބުން މަސްވެރިންނަށް ހަމައަގު ލިބި، މަސްވެރިކަން އިތުރަށް ކުރިއެރުވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވަމުން ރައީސް ނަޝީދު ވަނީ މަސްވެރިންގެ އިހްތިޖާޖުތަކަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި އެ އިހްތިޖާޖުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ކޮމެންޓު ފޮނުވާ