ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމުގެ ވައުދުފުޅު ފުއްދަވަމުން ގެންދަވާތީ، މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން މި އަހަރުގެ ޑިސެމްބަރު 10 ގެ ނިޔަލަށް 900 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.
މި ފައިސާއަކީ 58،510 ޓަނުގެ މަހަށް ދޫކުރި ފައިސާއެވެ. މި އަހަރުގެ ތެރޭގައި މަސްވެރިންނަށް 858 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން މުޅި އަދަދަކީ 1.8 ބިލިއަން ރުފިޔާއެވެ.
މީގެ ދެ މަސް ކުރިން ކެޔޮޅުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މަސް ގަންނަ އަގު ބޮޑުކުރެވޭނީ 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމުގެ ކަންކަން މެދުނުކެނޑި ޔަގީންވުމަށްފަހު ކަމަށާއި، މަސް ގަންނަ އަގު ބޮޑުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މަސްވެރިންނަށް ބޭންކުން ލޯނު ހޯދުން ފަސޭހަކުރައްވާނެ ކަމަށާއި، ވ. އަތޮޅުގައި ހިންގާ ބިންހިއްކުމުގެ މަޝްރޫއުތައް މަސްވެރިންނާ މަޝްވަރާކޮށްގެން ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެސްޓީއޯއިން ކޮންމެ އަތޮޅެއްގައި ތެޔޮވިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗް މަހަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ