މަސްވެރިންނަށް ރަހުނަކާ ނުލައި ފައިސާ ދޫކުރާ އާ ސްކީމެއް ތައާރަފްކޮށްފި

މަސްވެރިންނަށް ރަހުނަކާ ނުލައި ފައިސާ ދޫކުރާ އާ ސްކީމެއް ތައާރަފްކޮށްފި

Author
އަހުމަދު
10 ޑިސެމްބަރ 2025 12:00
0

މަސްވެރިކަމުގެ ދާއިރާއިން ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް، ފިޝަރީޒް މިނިސްޓްރީ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން "މަހަ މަންފާ"ގެ ނަމުގައި އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ފައިނޭންސިން ސްކީމެއް ތައާރަފްކޮށްފި އެވެ. މި ސްކީމުގެ ދަށުން މަސް ކައްކައި ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މަސް ޕްރޮސެސްކުރުމުގެ ސާމާނާއި ވަސީލަތްތައް ގަތުމަށް ރަހުނަކާ ނުލައި 50،000 ރުފިޔާއާއި 400،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ލިބޭނެ އެވެ. މި ފައިނޭންސިން އަނބުރާ ދެއްކުމަށް ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑާއި، ގިނަވެގެން ހަތް އަހަރުގެ މުއްދަތެއް ލިބޭއިރު، އަހަރަކަށް ހަ ޕަސެންޓު ރޭޓުން ދޫކުރާ މި ފައިސާއަކީ ރާއްޖޭގައި މިވަގުތު މަސްވެރިންނަށް ދެވޭ އެންމެ ކުޑަ ރޭޓުގެ ފައިނޭންސެވެ.

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް ކުދި ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތަކުން ވިޔަފާރިތަކަށް އިތުރު ކުރިއެރުންތަކެއް ލިބި، ވިޔަފާރީގެ އުފެއްދުންތެރިކަން އިތުރުވެ، މަސްވެރިންނަށް ލިބޭ ނަފާ އިތުރުވެ، މަސްވެރިކަމުގެ އެކްސްޕޯޓް އިތުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި ސްކީމުން ފައިނޭންސިން އަށް އެދި ހުށަހެޅޭނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެސްއެމްއީ ޑިޖިޓަލްގެ ޕޯޓަލްއިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.