މާލެއާއި ހުޅުމާލެއާ ދެމެދު ޤާއިމުކުރާ ފެނުގެ ކަނެކްޓިވިޓީ ވިއުގަ މިއަހަރުގެ ނިޔަލަށް ނިންމާ ބޭނުންކުރަން ފެށޭނެކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ 2 އަހަރުގެ ކާމިޔާބީއާ ގުޅޭގޮތުން ޕީއެސްއެމުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ، މި 2 އަހަރުގެ ތެރޭގައި އެކުންފުނިން އެންމެ ބޮޑު އިސްކަމެއްދިނީ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުކުރުމަށްކަމަށެވެ.
މަތީން ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު އިޤްތިޞާދީގޮތުން އޭރު ޤައުމުގެ ހާލަތު އޮތްގޮތުން ޚަރަދުތައް ކުޑަކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެކުންފުންޏަށްވެސް އަޅަންޖެހުނުކަމަށާއި، އެ ފިޔަވަޅުތަކާއެކުވެސް ޚިދުމަތްތައް ފޯރުކޮށްދީ ތަރައްޤީކުރުމުގައި ކުރިއެރުންތަކެއް ހޯދިފައިވާކަމަށެވެ.
އެމްޑަބްލިއުއެސްސީގެ ޚިދުމަތްތަކާއި އޮޕަރޭޝަންތައް އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަށްދަނީ މާލޭ ސަރަޙައްދުގައެވެ. މަތީން ވަނީ މި ސަރަޙައްދުގައި ފެން އުފެއްދޭ މިންވަރު އިތުރުކުރުމަށާއި، ފެން ރައްކާކުރެވޭ މިންވަރު އިތުރުކޮށް ފެން ފޯރުކޮށްދިނުމުގައި ބޭނުންކުރާ ވަސީލަތްތައް ހަރުދަނާކުރުމަށްޓަކާވެސް މުހިންމު މަސައްކަތްތަކެއް މި ސަރުކާރުން ކޮށްފައިވާކަމަށް ވިދާޅުވެފައެވެ.
އެގޮތުން އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި މާލެއާއި ހުޅުމާލެއާ ދެމެދު ފެނުގެ ކަނެކްޓިވިޓީ ގުޅާލުމަށް ޤާއިމުކުރާ ވިއުގަގެ މަސައްކަތް ނިންމުމަށް ކުރެވުނު ކަންކަން މަތީން ފާހަގަކުރެއްވިއެވެ. މިއީ މި ސަރުކާރު ޙަވާލުވިއިރުވެސް މަސައްކަތް ދިގުލައިގެންގޮސްފައިވާ މަޝްރޫޢެކެވެ.
މަތީން ވިދާޅުވީ، މިހާރު މި މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާއިރު، މި ވިއުގަ ޓެސްޓުކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާކަމަށެވެ. އަދި އަމާޒަކީ މިއަހަރުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާ، ވިއުގަ އެއްކޮށް ބޭނުންކުރަން ފެށުންކަމަށާއި، މިއީ މި ސަރަޙައްދުގައި ފެނުގެ ޚިދުމަތުގެ ޔަޤީންކަން ކަށަވަރުކުރުމަށް ހިންގޭ މުހިންމު މަޝްރޫޢެއްކަމަށް އޭނާ ވިދާޅުވިއެވެ.
މަތީން ވިދާޅުވީ، މާލޭ ސަރަޙައްދުގައި ފެން އުފެއްދޭ މިންވަރު އިތުރުކުރުމަށްޓަކާވެސް ކުރިއަށްގެންދާ އިތުރު 10،000 ޓަނުގެ ފެން ޕްލާންޓުގެ މަސައްކަތްވެސް މިހާރު ނިމުމަކާ ގާތްވެފައިވާކަމަށެވެ. އަދި ފެން ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކާވެސް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލޭގައި 10،000 ޓަނުގެ އެއް ތާންގީގެ މަސައްކަތް ނިންމާ މިހާރު ބޭނުންކުރަން ފަށާފައިވާކަމަށާއި، މިއީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑު އެއް ފެންތާންގީކަމަށް މަތީން ވިދާޅުވިއެވެ.
މަތީން ވަނީ ފެން އުފެއްދުމާއި، ފެން ރައްކާކުރުމާއި، ފެން ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު، މިއީ މި ސަރަޙައްދުގެ ވޯޓަރ ސެކިއުރިޓީއަށްވެސް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ