ދެހާސްވިހި ވަނަ އަހަރު ހުޅުމާލޭ ފަޅު ތެރޭގައި ހުރި ކަންނެލި ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި ހޯދި މައްސަލައިގައި ކުށްސާބިތުވެ، އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބު އިބްރާހީމް މިހާރު ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ރާއްޖެއަށް މިފަހުން އެއްފަހަރާ އެންމެ ބޮޑު އަދަދަކަށް ޑްރަގް އެތެރެކުރި މި މައްސަލައިގައި އިސްކޮށް ތިބި ދެމީހުންގެ ތެރެއިން އެކަކީ ޝަހީބުއެވެ. މިދިޔަ ސެޕްޓެމްބަރު މަހު ޝަހީބުގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރުގެ ދެ ޖަލު ހުކުމާއެކު، 10 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ކަނޑައަޅައިފައިވެއެވެ. މިއީ މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން މިހާތަނަށް އެންމެ ބޮޑު ޖޫރިމަނާ ކަނޑައަޅާފައިވާ މައްސަލައެވެ.
މި މައްސަލައިގައި ޝަހީބުގެ އިތުރުން އެހެން ފަސް ދިވެހިންނާއި ދެ ބަންގްލަދޭޝް ރައްޔިތުންގެ މައްޗަށް ވެސް ކުށް ސާބިތުވެ އުމުރަށް ޖަލަށް ލާން ހުކުމްކޮށްފައިވެއެވެ. މައްސަލައިގައި ހުކުމް އިއްވުމުގެ ކުރިން ޝަހީބު ފިލުމުން، އޭނާގެ އަންހެނުން ހައްޔަރުކުރުމާއެކު ޝަހީބު އަމިއްލައަށް ފުލުހުންނާ ހަވާލުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އޭނާވަނީ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކޮށްފައެވެ.
ކޮމެންޓު ފޮނުވާ