ސަރުކާރުން މަސައްކަތް ކުރާނީ ޤައުމާއި މުޖުތަމަޢަށް އެންމެ ހެޔޮގޮތް އިސްކޮށްގެން: ނާއިބް ރައީސް

ސަރުކާރުން މަސައްކަތް ކުރާނީ ޤައުމާއި މުޖުތަމަޢަށް އެންމެ ހެޔޮގޮތް އިސްކޮށްގެން: ނާއިބް ރައީސް

Author
މުޙައްމަދު ޝަޒައިމް
11 އޮކްޓޯބަރ 2020 01:43
0

ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ޤައުމާއި މުޖުތަމަޢަށް އެންމެ ހެޔޮގޮތް އިސްކޮށްގެން ކަމުގައި ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، ޑްރަގް ކޯޓަށް ޒިޔާރަތްކުރައްވާ، ޑްރަގް ކޯޓުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ދިވެހި މުޖުތަމަޢު، އަދި ވަކިން ޚާއްޞަކޮށް ޒުވާނުން، ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި ޑްރަގް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ، ޝުކުރު އަދާކުރައްވާފައެވެ. އަދި، މިކަމުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރަމުންދާ މަސައްކަތްތައް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް މުޅި ދައުލަތުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ވިދާޅުވީ، ސަރުކާރުން އަބަދު ވެސް މަސައްކަތްކުރާނީ ޤައުމާއި މުޖުތަމަޢަށް އެންމެ ހެޔޮގޮތް އިސްކޮށްގެން ކަމުގައެވެ. އަދި، މި ކަމުގައި ޝާމިލުވާ ހުރިހާ ފަރާތަކުން އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރުމުން، މި ކަމުގައި ވެސް ކާމިޔާބީ ލިބޭނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ސަރުކާރުން އެއްވެސް ދާއިރާއަކުން އެއްވެސް މީހަކު ބާކީވިޔަ ނުދެއްވާނެކަމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ޑްރަގް ކޯޓުގެ އިސްވެރިން ވަނީ، މިވަގުތު އެ ކޯޓަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކުގެ މަޢުލޫމާތު ނާއިބް ރައީސާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން، އެ ބޭފުޅުން ފާހަގަކުރައްވާފައިވާ ބައެއް ކަންކަމުގެ ތެރޭގައި، ފަނޑިޔާރުންނާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި، ޑްރަގް ކޯޓު ހިންގާ ޢިމާރާތަށް ކުރިމަތިވެފައިވާ ދަތިތައް ހިމެނެއެވެ. އަދި، އެ ކޯޓަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަމުގެ މަޢުލޫމާތު ވެސް އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ނާއިބް ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީއާއި، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަޙްމަދު ސަމީރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ޑޮކްޓަރ ޢަބްދުލްމަލިކް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.