ސްރީލަންކާއަށް ދިމާވި ދަތި ޙާލަތާ ގުޅިގެން ދިވެހިން އެއްކުރި އެހީގެ ޖުމުލަ އަދަދު 2.4 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވާނެ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ލަންކާއަށް އެހީވުމަށް ޕީއެސްއެމްއާއި މީޑިއާތައް ގުޅިގެން ބޭއްވި ޓީވީ ޓެލެތޯނުން ލިބުނު ފައިސާ ޚާރިޖީ ވުޒާރާއާ ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ޓެލެތޯނަށް ލިބުނު ބޮޑު ތަރުޙީބުން ލަންކާއާ މެދު ދިވެހިން ގެންގުޅޭ އުޚުއްވަތްތެރިކަން ސާބިތުވެއްޖެ ކަމަށެވެ. ލަންކާއަށް އެންމެ ފުރަތަމަ އެހީވި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސާބިތުކޮށްދެއްވީ ކުޑަ ޤައުމެއް ނަމަވެސް އަވަށްޓެރިންނަށް އެހީވުމުގައި ރާއްޖެ އެންމެ ކުރީގައި އޮންނާނެކަން ކަމަށެވެ.
ޓެލެތޯނުގެ އިތުރުން ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުންވެސް ލަންކާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ސަރުކާރުން ވަނީ މީގެ ކުރިން ލަންކާއަށް 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ހަދިޔާކޮށްފައެވެ.
ކޮމެންޓު ފޮނުވާ