ސްރީލަންކާއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި އެ ގައުމަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކާ ގުޅިގެން އެހީ ހޯދުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ޓެލެތޯނެއް ބާއްވަން ނިންމައިފިއެވެ.
މި ޓެލެތޯން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 އިން މެންދަމު 1:00 އަށެވެ. މި ޓެލެތޯންގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ މީޑިއާތަކަށާއި ޖަމިއްޔާ ޖަމާއަތްތަކަށް ވަނީ ހުޅުވާލާފައެވެ.
ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނާ ގޮތުގައި މި ވިއްސާރައިގައި 15،000 އަށް ވުރެ ގިނަ ގެ ހާލުގަޖެހި، 78،000 އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރަން ވަނީ ޖެހިފައެވެ. އަދި އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި މިހާތަނަށް 136 މީހުން މަރުވެ، ބައެއް މީހުން ގެއްލިގެން ދަނީ ހޯދަމުންނެވެ.
ލަންކާއަށް ކުރިމަތިވެފައިވާ މި ހާލަތުގައި އެހީވުމަށް ދިވެހި ސަރުކާރުން ވަނީ 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާކުރަން ނިންމާފައެވެ.
ކޮމެންޓު ފޮނުވާ