ކުރީ ސަރުކާރުގައި 480 މިލިއަން ޑޮލަރަށް ގެރެންޓީ ދީފައިވަނީ އުސޫލާއި ޚިލާފަށް: އޮޑިޓް ރިޕޯޓް

ކުރީ ސަރުކާރުގައި 480 މިލިއަން ޑޮލަރަށް ގެރެންޓީ ދީފައިވަނީ އުސޫލާއި ޚިލާފަށް: އޮޑިޓް ރިޕޯޓް

Author
މުޙައްމަދު ޖިމީ
11 އޮކްޓޯބަރ 2020 01:43
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި 480 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ގެރެންޓީ ދީފައި ވަނީ ދައުލަތުގެ ގެރެންޓީ ދިނުމާއި ގުޅޭ އުސޫލާއި ޚިލާފަށް ކަމަށް އޮޑިޓަރ ޖެނެރަލް ހާމަ ކުރައްވައފިއެވެ.

އޮޑިޓަރ ޖެނެރަލް ސޮއިކުރައްވާ ނެރުއްވާފައިވާ 2018 ވަނަ އަހަރު ދައުލަތުން ދޫކޮށްފައިވާ ގެރެންޓީއާ ބެހޭ އޮޑިޓް ރިޕޯޓްގައި ވަނީ ގިނަ މައްސަލަތަކެއް ފާހަގަ ކޮށްފައެވެ. ދައުލަތުން ގެރެންޓީ ދިނުމުގެ އުސޫލުގައި ބަޔާންކޮށްފައި ވާގޮތުގައި، ދައުލަތުން ގެރެންޓީ ދިނުމުގައި އެކަމަށް އެދި ހުށައަޅާ ހުށައެޅުންތައް ފިނޭންސް މިނިސްޓްރީން އައްޔަންކުރާ ފަރާތަކުން ނުވަތަ މިނިވަން އޮޑިޓަރެއް ދިރާސާކުރަން ވާނެކަމަށް ބަޔާން ކޮށްފައި ވާއިރު، ދައުލަތުން ގެރެންޓީ ދީފައިވަނީ އެ އުސޫލާއި ޚިލާފަށް ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.

އެގޮތަށް އުސޫލާއި ޚިލާފަށް ގެރެންޓީ ދިނުމަކީ ދައުލަތަށް ގެއްލުން ބޮޑުވާނެ ކަމެއް ކަމަށް ވަނީ ބުނެފައެވެ. އެކަމުގެ ސަބަބުން ދަރަނި ނަގާފައި އަދި ދަރަނި އަދާނުކޮށްފި ހާލަތެއްގައި އެކަމުގެ ޒިންމާ ނަގަންޖެހޭނީ ގެރެންޓީ ދިން ފަރާތުގެ ހައިސިއްޔަތުން ދައުލަތް ކަމަށްވެސް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.

އޮޑިޓަރ ޖެނެރަލް ފަހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ހުޅުމާލޭގައި 5000 ހައުސިންގ ޔުނިޓް އެޅުމަށް 327 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް 2016 ވަނަ އަހަރު ގެރެންޓީ ދީނުމުގައި މައްސަލަތަކެއް ހުރިކަމަށް ވަނީ ބަޔާން ކޮށްފައެވެ. އަދި 1000 ހައުސިންގ ޔުނިޓް އެޅުމަށް އެޗްޑީސީއަށް 65 މިލިއަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ ގެރެންޓީއެއް ދިނުމުގައިވެސް މައްސަލަތަކެއް ހުރިކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން މިދެ މަޝްރޫޢު ހަވާލުކުރި ކުންފުނީގެ ފަރާތުން ޕާފޯމަންސް ސެކިއުރޓީ ނުދިނުމުގެ ސަބަބުން އެއްބަސްވުން ބާޠިލުކޮށްފައިވާކަމަށާއި، ނަމަވެސް ސަރުކާރުގެ ފަރާތުން ދިން ގެރެންޓީ އަނބުރާ ދިންކަން އެނގެން ނެތް ކަމަށްވެސް ބުނެފައިވެއެވެ.

ކުރީ ސަރުކާރުގައި ގެރެންޓީ ދީފައިވަނީ އުސޫލާއި ޚިލާފަށްކަމަށް އޮޑިޓަރ ޖެނެރަލްގެ އޮޑިޓް ރިޕޯޓްގައި ބުނެފައވާއިރު، ދައުލަތުގެ ދަރަނި ބޮޑު ވެފައި ވަނީ މިދިޔަ ސަރުކާރުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ސޮވެރިންގ ގެރެންޓީތަކުގެ ސަބަބުންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.