ކޮންމެ ސަރުކާރަކުން ވެސް ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް އެކުލަވާލަން ލާޒިމްކޮށްފައިވާ މުއްދަތު ދެ އަހަރަށް އިތުރުކުރުމަށް ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިދިޔަ އަހަރު ފާސްކުރި ގާނޫނުގައިވާ ގޮތުން ރިޔާސީ ދައުރެއް ފެށޭތާ ހަ މަސް ތެރޭގައި ފިނޭންސް މިނިސްޓަރު މި ޗާޓަރު އެކުލަވާލައި ގެޒެޓުގައި އާންމުކުރަން ޖެހެއެވެ. އެހެންނަމަވެސް ހުރާ ދާއިރާގެ ޕީއެންސީ މެމްބަރު ޑރ. އަނާރާ ނައީމް ހުށަހެޅުއްވި އިސްލާހުގައި ފުރަތަމަ ޗާޓަރު ހަދަން ދެވޭ މުއްދަތު 24 މަސް ދުވަހަށް ބަދަލުކުރުމަށް ހިމަނާފައިވެއެވެ.
އަދި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލަން ދެވޭ މުއްދަތު ވެސް ހަ މަހުން ދެ އަހަރަށް ދިގުކުރަން ހިމެނެއެވެ. މީގެ އިތުރުން ރިޔާސީ ދައުރެއް ހިނގަން ފަށާ މުއްދަތަކީ 18 މަސް ދުވަސްކަމަށް ކަނޑައަޅާފައިވާ މާއްދާ އުނިކުރުން ވެސް ހިމެނޭއިރު، މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށް އިބްތިދާއީ ބަހުސް ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ