ކުރީގެ ރައީސުންގެ އިނާޔަތް ކުޑަކޮށް ނައިބު ރައީސުންނަށް މާލީ އިނާޔަތެއް ދިނުމަށް ބިލެއް ހުށަހަޅައިފި

ކުރީގެ ރައީސުންގެ އިނާޔަތް ކުޑަކޮށް ނައިބު ރައީސުންނަށް މާލީ އިނާޔަތެއް ދިނުމަށް ބިލެއް ހުށަހަޅައިފި

Author
އަހުމަދު
27 ނޮވެމްބަރ 2025 09:15
0

ކުރީގެ ރައީސުންނަށް ދޭ މާލީ އިނާޔަތް ކުޑަކޮށް، ކުރީގެ ނައިބު ރައީސުންނަށް އިނާޔަތެއް ދިނުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ. ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް ހުޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާހިދު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ކުރީގެ ރައީސުންނަށް އޮފީސް ހިންގަން މަހަކު ދޭ 175،000 ރުފިޔާ އުނިކުރުމަށެވެ. އަދި ކުރީގެ ރައީސުން ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާނަމަ ސަލާމަތާއި ރައްކާތެރިކަން ދޭންނުޖެހޭނެ ކަމަށާއި، ދައުލަތުގެ އެހެން މަގާމެއް ފުރުއްވާނަމަ މަހަކު ދޭ 50،000 ރުފިޔާގެ މާލީ އިނާޔަތް ވެސް ދޭންނުޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރަން ހުށަހަޅުއްވައިފައިވެ އެވެ.

ކުރީގެ ރައީސުންނަށް ލިބޭ ބައެއް އިނާޔަތްތައް ކަނޑައިލުމުގެ އިތުރުން، ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 25،000 ރުފިޔާ ދިނުމަށާއި، ރާއްޖެ އާއި ރާއްޖެއިން ބޭރުން ބޭސްފަރުވާ ހަމަޖައްސައިދިނުން ބިލުގައި ހިމަނާފައިވެ އެވެ. މި ބަދަލުތަކުގެ ސަބަބުން އަހަރަކު 10.5 މިލިއަން ރުފިޔާ ދައުލަތަށް ސަލާމަތްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. ނަމަވެސް ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ދޭން ފެށުމުން އެކަމަށް 300،000 ރުފިޔާއާއި ބޭސްފަރުވާގެ ހަރަދަށް 700،000 ރުފިޔާ ހަރަދުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.