ރާއްޖޭގައި ބޭސް ލިބުން ދަތިވެފައިވާ މައްސަލައިގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ 36 މެންބަރުންގެ ވޯޓުން ބޭރުކޮށްލައިފި އެވެ.
އެ މައްސަލާގައި ވަނީ މީގެ ކުރިން އާސަންދައިން ލިބެމުންދިޔަ ބޭސްތައް ދިނުން ހުއްޓާލިފަހުން ފާމަސީތަކުން އަމިއްލައަށް ގަންނަން ލިބުނު ނަމަވެސް، މިހާރު ބޮޑު އަގުގައި ވެސް އެ ބޭސްތައް ނުލިބޭ ކަމަށް ރައްޔިތުން ވަނީ ޝަކުވާ ކުރަމުން ދާ ކަމަށެވެ. އާންމު ރައްޔިތުންނަށް ބޭސް ލިބުން އިންތިހާއަށް ދަތިވެފައި މިވަނީ އާސަންދަ ރިފޯމް ކުރުމުގެ ނަމުގައި އެއްވެސް ރޭވުންތެރިކަމެއް ނެތި ސަރުކާރުން ނިންމި ނިންމުންތަކެއްގެ ސަބަބުން ކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރާއްޖެއިން ބޭސް ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭހުގެ ދަތިކަމުގެ ސަބަބެއް ކަމުގައި ދެއްކެވީ "މެޑިކަލް މާފިއާ" ނުވަތަ ސިއްހީ ހިދުމަތްތަކުގެ ވިޔަފާރި ކުރާ ފަރާތްތަކުން ގަސްތުގައި ބޭސް ނުގެނެއުމެވެ. މައްސަލަ ހައްލުކުރުމަށް އެސްޓީއޯ އާއި އިންޑިއާގެ އެޗްއެލްއެލް ލައިފްކެއާއާ އެކު މިފަހުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ