މަޖިލިސް މެންބަރަކު ނިސްބަތްވާ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލުމުގައި ރައްޔިތުންގެ ވޯޓަކަށް ދާން ނުޖެހޭ ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. މި އިސްލާހު ހުށަހެޅުއްވީ މި މަހުގެ 16 ވަނަ ދުވަހު ވެރިކަން ކުރާ ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ.
މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި ގޮތުގައި ރޯލް ކޯލް ވޯޓު ނަގަން ޖެހޭ ކަމަށް ބަޔާންކުރާ މާއްދާ ބިލުން އުނިކޮށްފައިވެ އެވެ. ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ތާއީދު ކުރެއްވި މި ހުށަހެޅުމަށް ޕީއެންސީގެ 50 މެންބަރުން ތާއީދު ކުރިއިރު، އެމްޑީޕީގެ 8 މެންބަރުން ދެކޮޅު ހައްދަވައިފި އެވެ.
މިއީ ޕާޓީން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލުމުގެ އިޖުރާއަތްތައް ބަދަލުކުރަން ހުށަހަޅާ ދެވަނަ ފަހަރެވެ. މީގެކުރިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ހުށަހެޅުއްވި އެއްފަދަ އިސްލާހެއް މަޖިލީހުން ބޭރުކޮށްލިއެވެ. މިހާރު ގާނޫނު އަސާސީގައި އޮތް 6 ވަނަ އިސްލާހު ބާތިލް ކުރުމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައެއް އެ ކޯޓުގައި ވަނީ ތާށިވެފަ އެވެ.
ކޮމެންޓު ފޮނުވާ