މި ނޮވެމްބަރު މަހުން ފެށިގެން ދައުލަތުގެ މުވައްޒަފުންގެ މުސާރަ ހާމަނައިޒްކޮށް، އާ ޕޭ ފްރޭމްވޯކްގެ ދަށުން ގެނައި ބަދަލުތައް ފުރިހަމައަށް ފެންނަން ފަށާނީ ޑިސެމްބަރު މަހުގެ މުސާރައާ އެކު ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ހާމަކުރި ގޮތުގައި މުވައްޒަފުންގެ ހާޒިރީއަށް ބަލައިގެން ދޭ އިނާޔަތްތައް ހިސާބުކުރަނީ ވޭތުވެދިޔަ މަހުގެ 16 އިން ހިނގާ މަހުގެ 15 ގެ ނިޔަލަށް ކަމަށާ، އެއީ 2010 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ ސިވިލް ސާވިސްގެ އުސޫލެއް ކަމަށެވެ. އެހެންކަމުން ނޮވެމްބަރު މަހުގެ މުސާރައިގައި ހިމެނޭނީ އޮކްޓޫބަރު މަހުގެ އިނާޔަތްތަކާއި ނޮވެމްބަރުގެ ބައެއް ބަޔަށް ލިބޭ އިނާޔަތްތަކުގެ ދެބައިކުޅަ އެއްބައި ކަމަށާއި، ފުރިހަމަ ބަދަލު ފެންނާނީ ޑިސެމްބަރު މަހުގެ މުސާރައިން ކަމަށް މިނިސްޓްރީން ސާފުކުރި އެވެ.
އާ ފްރޭމްވޯކަށް ބަދަލުވުމުން މުސާރަ ކުޑަވާ މުވައްޒަފުންނަށް މައިގްރޭޝަން އެލަވަންސް ލިބޭނެ ކަމަށާ، އަސާސީ މުސާރައިގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ލިބޭނީ 7،400 ރުފިޔާ ކަމަށް މިނިސްޓްރީން ބުންޏެވެ. މިހާތަނަށް ބައެއް މުވައްޒަފުންނަށް 3،100 ރުފިޔާ އަސާސީ މުސާރައިގެ ގޮތުގައި ލިބެމުން އައިސްފައިވާ ކަމަށް ޕޭ ކޮމިޝަނުން ބުނެ އެވެ.
މުސާރައަށް އައި ބަދަލުތަކާ ގުޅިގެން މުވައްޒަފުން ނުރުހުން ފާޅުކުރަމުން ދާއިރު، މިއަދު ޖުޑީޝަރީގެ މުވައްޒަފުން އިހުތިޖާޖުގެ ގޮތުން އޮފީހަށް ނުކުތީ ކަޅު ހެދުމުގަ އެވެ. ނަމަވެސް އާ ނިޒާމުގެ ދަށުން ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށާއި، މި ބަދަލަކީ އިތުރުގަޑީގެ ނިޒާމު ބަދަލުކޮށް، މުވައްޒަފުންނަށް ވޯކް ލައިފް ބެލެންސް ގެނެސްދިނުމަށް ކުރި މަސައްކަތެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ކޮމެންޓު ފޮނުވާ