ހަތަރުވަނަ ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ބޭއްވި ރައުންޑްޓޭބަލް ސެޝަންއެއްގައި ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދި ޖަޒީރާ ގައުމުތަކަށް ދިމާވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ ގޮތުން ލިބެމުންދާ އެހީތެރިކަމަކީ މުޅި ދުނިޔެއަށް ލިބެމުންދާ އެހީއެއް ކަމުގައެވެ. "ކޮމަން އެންޑެވާސް ފޯ އަ ކްލީން އެންޑް ސަސްޓެއިނަބަލް ފިއުޗާ" ގެ ނަމުގައި މިއަދު ބޭއްވި މި ސެޝަންގައި، ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކުން މޫސުމީ ބަދަލުތަކާ ކުރިމަތިލަން ޖެހިފައިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އުއްމީދީ އަމާޒުތަކާއި ލަނޑުދަނޑިތައް ޚަލީލު ފާހަގަކުރެއްވިއެވެ.
އެގޮތުން 2035 ވަނަ އަހަރު ނިމޭއިރު ވައިގެ ތެރެއަށް ދޫކުރާ ގްރީންހައުސް ގޭސް 1.52 މިލިއަން ޓަނަށް ދަށްކުރުމާއި، 2028 ވަނަ އަހަރު ނިމޭއިރު ރާއްޖޭގައި ޖެނެރޭޓްކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ބަދަލުކުރުމާއި، ގައުމީ ތަރައްގީގެ ޕްލޭންތަކުގައި މޫސުމީ ބަދަލުތަކާ ކުރިމަތިލުން ހިމެނުމަކީ ސަރުކާރުން ނިންމާފައިވާ ކަންކަން ކަމުގައި ވަޒީރު ވިދާޅުވިއެވެ. އަދި ޔޫރަޕިއަން ގްރީން ޑީލް އާއި "ފިޓް ފޯ 55 ޕެކޭޖް" ފަދަ އިސްނެގުންތަކަކީ މުޅި ދުނިޔެއަށް މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށް ލިބިގެންދާ ބޮޑު ހިތްވަރެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ