އައްޑޫ ފްލައިންގ ސްކޫލުގައި ހުރި މައްސަލަތައް ހައްލުކޮށް ދެއްވުމަށް މިހާތަނަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ޒިންމާދާރު ފިޔަވަޅުތަކެއް އަޅާފައިވާތަން ނުފެންނަކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ފްލައިންގ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް އުދުހުމުގެ ތަމްރީން ނުދޭ މައްސަލާގައި މިނިސްޓަރ އިބްރާހީމް ހަސަން ދެއްވާފައިވާ ޖަވާބާއި ގުޅިގެން މެމްބަރު އަޙްމަދު ރަޝީދު ވިދާޅުވީ މިހާތަނަށް މިމައްސަލަ ހައްލުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށެވެ. މިކަމަކީ އެތައް ދަރިވަރުން ޝާމިލުވާ ކަމަކަށްވާއިރު ޒިންމާދާރު ކަމާއިއެކު މިމައްސަލައަށް ހައްލެއް ހޯދަންޖެހޭކަމަށެވެ.
އައްޑޫ ސިޓީ ގަމުގައި ހުއްނަ ފުލައިން ސްކޫލު ގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ލިބެންޖެހޭ އުދުހުމުގެ ތަމްރީނު ނުދޭމައްސަލަ ހައްލުކުރުމަށް، މިހާތަނަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ޒިންމާދާރު ފިޔަވަޅު ތަކެއް އަޅާފައިވާ ކަމަކަށް ނުފެނޭ! https://t.co/6SYQETyj7f
— Ahmed Rasheed MDP (@AraairuRasheed) October 11, 2020
އައްޑޫ ފްލައިންގ ސްކޫލާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި މެސެޖުގެ ޖަވާބުގައި ޑރ. އިބްރާހީމް ހަސަން ވިދާޅުވީ އައްޑޫ ފްލައިންގ ސްކޫލާއި ގުޅިގެން ދަރިވަރުންގެ ކަންބޮޑުވުންތަކަށް އެކި ގޮތްގޮތުން ހައްލު ހޯދައިދެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށެވެ. މިގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގައިވެސް މިކަން ބައްލަވައިދެއްވުމަށް އެދިފައި ވާނެކަމަށެވެ. އަދި ރާއްޖޭގައި ކިޔެވުމަށް ދޫކުރާ ލޯނުގައި އެ ސްކޫލްގައި ކިޔަވަމުންދިޔަ ދަރިވަރުން ރާއްޖޭއިން ބޭރުގައި ކިޔެވުމަށް ހުއްދަ ދީފައިވެސް ވާނެކަމަށެވެ. އަދި ދަރިވަރުންގެ ކަންބޮޑުވުންތައް އެ ސްކޫލާ އެކި ފަހަރުމަތީން ހިއްސާކޮށް، ހައްލު ހޯދައިދިނުމަށް އެދިފައިވެސް ވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އެންމެ ފަހުން ސްކޫލާއި ބައްދަލުކުރީ މިއަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުގަ އެވެ. އެ ދުވަހުގެ ބައްދަލުވުމުގައި އެފަރާތުން ދެއްވި ޖަވާބަކީ ކުރީ ސަރުކާރުގެ އެދުމުގެ މަތިން ޖާގައަށްވުރެ ގިނަ ދަރިވަރުން ނެގިކަމަށެވެ. އެހެންނަމަވެސް، އެއްވެސް ދަރިވަރަކަށް ކޯސް ފުރިހަމަކުރުމަށް ދައްޗެއް ދިމާނުވާނެ ކަމަށެވެ.
އެ ސްކޫލްގައި ކިޔަވާ ދަރިވަރުން ބުނިގޮތުގައި އެ ތަނުގައި ހުރި ކަންބޮޑުވުންތައް މީގެކުރިން ވެސް ތަކުރާރުކޮށް ވަނީ ސިވިލް އޭވިއޭޝަނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާކޮށްފައެވެ. އެގޮތުން އެންމެ ފަހުން ދަރިވަރުން މިކަމަށް އެޑްރެސް ކޮށްދޭން އެދި ސިޓީ ފޮނުވީ މިދިޔަ އާދިއްތަ ދުވަހުއެވެ.
ސްކޫލަށް ވަންނަ ކުދިންނަށް ކޯސް ނިމޭނެ ކަމަށް ދީފައި ވަނީ 12 މަސް އަދި 18 މަސް ކަމަށްވީ ނަމަވެސް އެވްރެޖް ގޮތެއްގައި ސްކޫލުން ކޯސް ނިންމާލެވެނީ 3 އަހަރު ނުވަތަ އެއަށް ވުރެ ގިނަ ދުވަހުން ކަމަށް ދަރިވަރުން ބުނެއެވެ.
ކޮމެންޓު ފޮނުވާ