ޖީލެއްގެ ތެރޭގައި ޔޫރަޕްގައި ފަލަސްތީނުގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗަކީ ސިޔާސީ ގޮތުން ވަރަށް މުހިންމު ރަމުޒީ މާނައެއް ލިބުނު ހާދިސާއަކަށް ވެއްޖެއެވެ. މިދިޔަ ހޮނިހިރު ދުވަހު ސްޕެއިންގެ ބިލްބާއޯގައި ބާސްކް ކަންޓްރީއާ ދެކޮޅަށް ސަން މަމޭސް ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ފަންސާހް ހާސް ޓިކެޓް ވިކި ހުސްވެ، އެހާމެ ގިނަ ބަޔަކު ވަނީ ގާޒާއާއެކު ތިބިކަން ދައްކާލާފައެވެ.
ގާޒާގައި އިޒްރޭލުން ހިންގަމުންދާ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުން އެންމެ ގަދަވެފައިވާ ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި ސްޕެއިން ހިމެނޭއިރު، މި މެޗުން ވެސް އެ ރައްޔިތުންގެ ހިތުގައި ފަލަސްތީނަށް އޮތް ލޯބި ފާޅުވިއެވެ. މެޗުގެ ކުރިން ފަލަސްތީނު ކުޅުންތެރިން ދަނޑަށް ނުކުތީ ނަސްލު ނައްތާލުމުގެ ޝިކާރައަކަށްވި މީހުންނަށް ޝަރަފުވެރިކަން ދިނުމުގެ ގޮތުން، ކުޑަކުދިންނާ އެކުގައި ނޫން ކޮންމެ ކުޅުންތެރިއަކު އަތުގައި ފިނިފެންމަލެއް ހިފައިގެންނެވެ. ދަނޑަށް ޖަމާވި ހާސްތަކަކު މީހުން ތިބީ ފަލަސްތީނާއި ބާސްކްގެ ދިދަތައް ހިފައިގެންނެވެ. މިއާ އެކު، އެތައް ހާސް މީހުންނެއް ވަނީ މެޗުގެ ކުރިން ދިދަތައް ހިފައިގެން މަގުމަތީގައި މިސިލުން ހިނގާފައެވެ.
ބާސްކް ޓީމުގައި އެތްލެޓިކް ބިލްބާއޯ އާއި ރިއަލް ސޮސިއެދާދްގެ ކުޅުންތެރިން ހިމެނުނު ނަމަވެސް، ސްޕެއިންގެ ގައުމީ ޓީމުގެ ކުޅުންތެރިން ބައިވެރިނުވީ ވޯލްޑް ކަޕް ކޮލިފައިންގ މެޗުތަކެއް ކުޅެމުން ދާތީއެވެ. ފަލަސްތީނު ޓީމުން އަންގާރަ ދުވަހު ކެޓަލޯނިއާ ސަރަހައްދުގެ ޓީމަކާވެސް ބާސެލޯނާގައި ކުޅޭނެއެވެ. މި ފަދަ މެޗުތަކުގެ މަޤްސަދަކީ ގާޒާގެ ރައްޔިތުންގެ ހާލަތަށް ދުނިޔޭގެ ސަމާލުކަން ހޯދައިދިނުމާއި، ފަލަސްތީނަށް ބައިނަލްއަގުވާމީ ތާއީދު ފާޅުކުރުމެވެ.
ކޮމެންޓު ފޮނުވާ